2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އަބާދީތައް ގުޅުވާލުން ކަމަށެވެ.
ހަމައެއާއިއެކު ރައްޔިތުން ރަށު ބަންދުން ފިލުވައިދިނުމާއި، ތަކެއްޗާއި ހިދުމަތްތައް ގާތްކޮށްދިނުން ކަމަށެވެ. އަދި ވަޒީފާއަށް ރަށުން ބޭރަށް ގޮސް ދުވަހުގެ މަސައްކަތް ނިމުމުން ޢާއިލާ ކައިރިއަށް އަނބުރާ އައުމަށް މަގުފަހި ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
''2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައި. މި މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ބާރުދުވެލީގެ ފެރީތަކާއި، މި ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެ. އަދި ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް ބޭނުންވާ ޓަރމިނަލްތަކާއި މިކަންކަމާގުޅޭ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް މި ބަޖެޓުގެ ތެރެއިން ހަމަޖެހިފައިވޭ.''
މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ރޭވިފައި ވުމުގެ އިތުރުން ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކުގެތެރޭގައި ހިމެނޭ އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި އުތުރުން ހދ. ކުޅުދުއްފުށީ ސިޓީއާއި، ރ. އަލިފުށި ހިމެނެއެވެ. އިތުރަށް ޒަމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ހުޅުމާލެ އާއި ފުވައްމުލަކުގަ އެވެ.
މީގެއިތުރުން ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އުތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ދެކުނުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!