ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު ވިދާޅު ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރާއި ސަރުކާރުން ކުރިމަތިލަނީ އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަޤީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން ކަމަށެވެ.

Ad
rt

އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ އެބަ ހިފެހެއްޓޭ. 2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަނީ ދަށަށް. ސަބަބަކީ ތެލުގެ އަގު ދަށްވެފައިވުމާއި، ބާޒާރުގައި ޑިމާންޑް ދަށްވުމާއި، ކޯވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓުބިލުންނާއި ފެންބިލުތަކުން ޑިސްކައުންޓް ދީފައިވުން. އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި. މިއީ މި އަހަރު ނަގާފައިވާ ޕޮލިސީ އެކްޝަންތަކުގެ ބޭސް އިފެކްޓް. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅާބަލާއިރު، މިއީ ދަށް އަދަދެއް.''

މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަދި އެއާއެކު، ބޭރު ފައިސާ ވަންނަ މިންވަރު ދަށްވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރުވެސް ދަށްކަން އޭނާ ވަނީ ފާހަގަކުރަށްވާ ފައެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި، މިއީ ކުރީ އަހަރަށްވުރެ ދަށް އަދަދެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި އިޤްތިސާދީ ހަރަކާތްތައް އިތުރުވަމުން އައުމާއެކު، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި. މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއް. އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައި. އެހެންކަމުން އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް.''

މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު އަންނަނީ ހޯދައިދެމުން ކަމަށާއި، އަދި އިޤްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އިޤްތިސާދު ހުއްޓި، ބޭރު ފައިސާ ތަދުވެފައިވާ މި ދަނޑިވަޅުގައި މި މިންވަރުގައި ރިޒާވް ހިފެހެއްޓި، ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރެވިގެން މި ދަނީ ފިސްކަލް ޕޮލިސީގެ ހަރަކާތްތަކުން ކަމުގައި ފާހަގަކުރަށްވާ ކަމަށެވެ. މިގޮތުން، މިއިން ޒަމާނަކު ނުވެއްޓޭފަދަ އިޤްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައިވެސް، ޚަރަދަށް ގެނައި ބަދަލުތަކާއި، ރައްޔިތުންނަށް ސީދާ ގޮތުން އެހީތެރިވުމާއި، މިހާތަނަށްވެސް ކޮންސެޝަނަލް ގޮތްގޮތުން ބަޖެޓު ފައިނޭންސްކޮށްފައިވުމަކީ، މި ޝޮކުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައި ލޮޅުން ކުޑަކޮށްދިނުމަށް އެހީތެރިވި ކަންތައްތައްކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.