ސަރުކާރުން، 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި، 34 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ކަމަށެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ހުށަހެޅުއްވި ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
''2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް. 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ.''
މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ްސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް
މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރާވެސް މިކުރިމަތިލަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިކަމުން، އުންމީދަކީ މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުން ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު މިހާރު ހުޅުވާލަމުންދާ ކަމަށާއި، މިގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
''މިބަޖެޓުގައި ވާނީ ކޯވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި. ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި، ކޮންޓްރެކްޓް ޓްރޭސިންގ އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެން. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން. އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ.''
މިނިސްޓަރު ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ބަޖެޓުން ޖާގަދީފައިވާ ސިއްހީ ދާއިރާގެ މުހިންމުބައެއް ކަންކަމުގެ ގޮތުގައި އިތުރަށް މިނިސްޓަރު އަމީރު ފާހަގަ ކުރެއްވި ކަންކަން:
- ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްހީ ޚިދުމަތް ތަރައްޤީކުރުން. މިގޮތުން، ޓަރޝަރީ ފެންވަރަށް މި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް 2021 ވަނަ އަހަރުގައި ކުރިއަށްދާނެ.
- އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ.
- ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު.
- 2021 ވަނަ އަހަރުގެ ބަޖެޓުގައި މެންޓަލް ހެލްތު ސެންޓަރ ގެ ޔުނިޓުތައް އަތޮޅުތެރޭގައި ގާއިމުކުރުމަށް ހިމެނިފައިވާނެ.
- 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވާނީ ކޯވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެހީތެރިކަން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަގުފަހިކޮށްދިނުމަށް ބަޖެޓުން ޖާގަ ދީފައި.
- އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ. މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ.
- 2021 ވަނަ އަހަރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޚިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވޭ.
- ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް މި ބަޖެޓުގައި ވާނީ ހިމަނާފައި.
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމްކުރުމަށް ވާނީ ހިމަނާފައި.
- 2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި. އަދި އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައި.
ތައުލީމީ ދާއިރާއަށްވެސް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް
ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާކަން ފާހަގަ ކުރަށްވާ މިނިސްޓަރު އަމީރު ވިދާޅުވީ، މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެ ކަމަށާއި، އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ބަޖެޓުން ޖާގަދީފައިވާ ތަޢުލީމީ ދާއިރާގެ މުހިންމުބައެއް ކަންކަމުގެ ގޮތުގައި މިނިސްޓަރު އަމީރު ފާހަގަ ކުރެއްވި ކަންކަން:
- ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް މި ބަޖެޓުގައި ވަނީ ހިމެނިފައި.
- މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި.
- ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައި. މިގޮތުން ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވާނީ ބަޖެޓުކުރެވިފައި. ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި.
- ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ބަޖެޓުގައި ހުށަހަޅާފައިވާނެ.
- 2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވޭ.
- ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ.
- ރިޒޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވޭ.
2021 ވަނަ އަހަރަށް ބަޖެޓުން ޖާގަދީފައިވާ އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް ދާއިރާގެ މުހިންމުބައެއް ކަންކަމުގެ ގޮތުގައި މިނިސްޓަރު އަމީރު ފާހަގަ ކުރެއްވި ކަންކަން:
- ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ވާނީ މިބަޖެޓުގައި ކަނޑައަޅާފައި.
- 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި.
- ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ރޭވިފައި.
- ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެސް ވާނީ މިބަޖެޓުގައި ރޭވިފައި.
- 2021 ވަނަ އަހަރުގެ ތެރޭގައި އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް 476 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައި.
- ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް މި ބަޖެޓުން އިސްކަންދީފައިވާނެ.
- މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތުގެ މަޝްރޫއަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 469 މިއަން ރުފިޔާ ވާނީ ބަޖެޓުކޮށްފައި.
- މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ޚިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައި.
- ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވޭ.
- ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް ބަޖެޓުގައި ރާވާފައިވާނެ.
- ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރޭވިފައިވޭ.
- ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ.
- ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް 2021 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައިވާނެ. މިގޮތުން، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމާއެކު ކޮންޓްރެކްޓް ފާމިން ފަދަ އާ ކަންކަން އެ ސިނާޢަތަށް ތަޢާރަފްކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއެކު އެތަކެތި މާކެޓްކޮށް ވިއްކުމަށް މަގުފަހިކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މި ބަޖެޓުން އެހީތެރިވެ ދޭނެ.
- 2021 ވަނަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި ތަރައްގީ ކުރުމަށް ދައުލަތުގެ ބަޖެޓުން ވާނީ މުހިއްމު އިސްކަމެއްދީފައި. މިގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރަމުންދާނެ. އެސްޑީއެފްސީއަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ދޫކުރާނެ. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެ.
- 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައި. މި މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ބާރުދުވެލީގެ ފެރީތަކާއި، މި ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެ. އަދި ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް ބޭނުންވާ ޓަރމިނަލްތަކާއި މިކަންކަމާގުޅޭ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް މި ބަޖެޓުގެ ތެރެއިން ހަމަޖެހިފައިވޭ.
- 2021 ވަނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ.
- އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތެޔޮ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު މަދުކޮށް، އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް ޖުމްލަ 148 މިލިއަން ރުފިޔާ ވާނީ ބަޖެޓު ކުރެވިފައި.
- ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ މަޝްރޫތަކަށް ޖުމްލަ 390 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެ. ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް 2021 ވަނަ އަހަރު ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދޭނެ.
- މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ވަނީ ހިމެނިފައި. ސަރުކާރުގެ އަމާޒަކީ، އައު ހައުސިންގ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްޤުވާ ފާރާތްތަކަށް ހަވާލުކުރުން. ހައުސިން މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ 2021 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ.
- 2021 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ވާނީ ހުށަހަޅާފައި.
ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބައްލަވާފައިވާނީ "ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ" ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށެވެ.
މި ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރެއިން ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް ރީޕްރިއޮރިޓައިޒްކޮށް، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެއް ކަމަށާއި، އަދި މި ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި "ނެޝަނަލް ޓާސްކްފޯސް އޮން ރެޒިލިއަންސް އެންޑް ރިކަވަރީ" ގެ މަޝްވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރޭގައި، ވަރކިންގ ގްރޫޕްތަކުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ތަޖުރިބާކާރުންނާ މަޝްވާރާކޮށްފައި ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވަނީ މިިއީ ހަމަ ޔަޤީނުންވެސް ފަހަތަށް ޖެހެންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!