ކޮޗިން ފެރީއަށް މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ކެންސަލްކޮށްފި

MCP linz

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް ފަށާއިފައިވާއިރު، ފުރަތަމަ ފެރީއަށް މަރުޙަބާ ދެންނެވުމަށް ކުޅުދުއްފުށިން ރާވާފައިވާ ހަރަކާތްތައް ކެންސަލްކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބަދުލްލަތީފް ހަސަން ތިލަދުންއަށް މަޢުލޫމާތުދެމުން ވިދާޅުވީ މާދަމާ ބާއްވަން ތައްޔާރުވަމުންއައި ހަރަކާތްތައް ކެންސަލްކުރެވިފައިވާކަމަށެވެ. އެއީ އެރަށަށް ދަތުރުކުރި ބޯޓެއްގެ ކެޕްޓަން ކޯވިޑް19 އަށް ޕޮޒިޓިވްވުމާއިގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާތީކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް އިތުރަށް ވިދާޅުވީ ކޮޗިން ފެރީއަށް މަރުޙަބާ ކިޔުމަށް އެރަށުން ގިނަ ހަރަކާތްތައް ރާވާފައިވާކަމަށެވެ. އެގޮތުން ސަގާފީ ހަރަކާތްތަކާއި ކުޅިވަރުތައް ރާވާފައިވާކަމަށް ލަތީފް ވިދާޅުވި އެވެ. ކުޅިވަރުހަރަކާތްތައް ކެންސަލް ކުރެވިފައިވީނަމަވެސް ކުރިއެކޭވެސް އެއްފަދައިން އެރަސްމިއްޔާތު ވާޗުއަލްކޮން ކުރިއަށް ދާނެކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް މާލޭއިން ކަމާގުޅުން ހުރި މުވައްސަސާތަކުގެ ގިނަ ބަޔަކުވަނީ ކުޅުދުއްފުއްޓަށް އައިސްފައިވެއެވެ. އަދި ދައުލަތުގެ މީޑިއާގެ 3 ރިޕޯޓަރަކާއި އަދި އެހެން މީޑިއާ އެއްގެ ރިޕޯޓަރުކުވެސް މި އިވެންޓް ގެނެސްދިނުމަށްޓަކައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައިއެވެ. މިއިވެންޓަށް މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވާ ބައެއް ފަރާތަކުން އާންމުގެ ތެރެއަށް ނުކުމެ އުޅުމާއި، އިންޓަވިރު ނެގުމާއި، މިނޫންވެސް ކަންކަމުގައި ރަށުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިއުމާއި ގުޅިގެން ގިނަބަޔަކުވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މިކަމާއި ގުޅިގެން ލަތީފް ވިދާޅުވީ އެފަރާތްތަކުން އެގޮތައް އަމަލުކޮށްފައިވާތީ ކައުންސިލްއަށް ޝަކުވާ ހުށައެޅުމާއި ގުޅިގެން ރަށުތެރޭގައި ނޫޅުމަށް އަންގާފައިވާނެކަމަށެވެ. އަދި އެކަން ކަމާއިގުޅުން ހުރި މުވައްސަސާތަކަށް އަންގާފައިވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވާއިރު، ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފެރީ މިހާރުދަނީ ރާއްޖެ އައުމަށް ދަތުރުކުރަމުންނެވެ. މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ  ފަތިހު 5:00 ހާއިރުއެވެ. 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ ކުޅުދުއްފުށީ ޕޯޓަށް މުދާ ބޭލުމަށް އަންނަ އެންމެ ބޮޑު ބޯޓެވެ.

ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގއެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނާނެކަމަށް ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރާ ބޯޓަކީ ބޮޑު ބޯޓަކަށްވުމުން، ބޯޓުން މުދާ ބޭލުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދެކޭ އެއްގޮތަށް ރަށުގެ ބޭރު ކަނޑުގައި ބޯޓު ބާއްވައިގެންނެވެ. ކެޕްޓަން ނާޒިމް ވިދާޅުވީ ކޮންޓެއިނަރުތައް މަދުވުމާއިއެކު މިވަގުތު މުދާ ބާލަމުންދާނީ މުދާ އުފުލާ ބޮޑެތި ދޯނިފަހަރު ބޭނުންކޮށްގެންކަމަށެވެ.

ރާއްޖެއަށް މުދާ ގެންނަ ބޯޓު ކޮޗިންއާއި ޓުޓިކޮރިންއިން މުދާ ގެންނާނެއެވެ. ކެޕްޓަން ނާޒިމް ވިދާޅުވީ މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ސްޓޭޓް ޝިޕިންގެ އެހީތެރިކަމާއިއެކު އެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ވިދާޅުވީ ކުރިއަށް އޮތް 6 މަސްދުވަހުވެސް ކޮޗިންއާއި-ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާނީ މި ކާގޯ ފެރީކަމަށެވެ.

އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ދޭން ނިންމާފައިވަނީ، ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމާއި އަދި އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް ޕްރޮމޯޓްކޮށް މަންފާ ހޯދުމަށްވެސް މަގުފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މި ކާގޯ ފެރީ ރާއްޖެ އައުމަށާއި ރާއްޖެއިން އެނބުރި ކޮޗިންއަށް ދިއުމަށް 10 ދުވަސް ހޭދަވާނެކަމަށް ސްޓޭޓް ޝިޕިންއިން ބުނެއެވެ. އެހެންކަމުން މަހަކު ބޭއްވޭނެކަމަށް ލަފާކުރަނީ 3 ދަތުރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި