އުތުރުގެ 3 އަތޮޅުގެ ރަށްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބި ގަންނަ ކުޅުދުއްފުށިން ކޯވިޑް ކޭހެއް ފެނުނުކަން މިރޭ އެނގުނުއިރު މާދަމާއަކީ އެރަށަށް ހަފުތާގެ ދުވަސްތަކުން އެންމެ ގިނަ މީހުން ޖަމާވާ ދުވަހެވެ.
ކޮންމެ ހޮނިހިރު ދުވަހަކީ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްރަށުގެ ގިނަ ރަށްޔިތުން ތަކެއް ކުޅުދުއްފުށްޓަށް ދަތުރުކޮށް ޚިދުމަތް ލިބި ގަންނަ ދުވަހެކެވެ.
މިގޮތުން ވެސް މި ތިން އަތޮޅުގެ އެކިރަށްތަކުން މާދަމާ ކުޅުދުއްފުށްޓަށް ދާން ދަތުރު ހަދައިގެން ތިއްބާ އެ ރަށުން ކޯވިޑް ކޭހެއްފެނި، އެރަށަށް އަރާ ފޭބުން މަނާ ކުރުމުން ގިނަ ބަޔަކަށް ވަނީ ސިހުންލިބިފައެވެ.
މިދިޔަ މަހުގެ 29ވަނަ ދުވަހުވެސް ވަނީ ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނައި ކުއްޖަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކޭހާ ގުޅިގެންވެސް އެރަށަށް އަރާފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.
ކޯވިޑް19ގެ ބަލާ އާފާތުގެ ސަބަބުން މާލެއަށް އަރާފޭބުމުގައި ދަތިތަކެއްހުރުމާއި އެކު ރާއްޖޭގެ ގިނަ އަތޮޅު ތަކުގެ ރައްޔިތުން ނަށް މާލެ ނޫން ގޮތަކަށް ފެނިފައިވަނީ ކުޅުދުއްފުށި ސިޓީއެވެ. މާލޭން އުތުރުގެ ހުރިހާ އަތޮޅުތަކުން ސިއްހީ އަދި ޒަރޫރީ ބައެއް ހިދުމަތްތައް ހޯދުމަށް މިހާރު ކުޅުދުއްފުއްޓަށް އަންނައިރު ދާދިފަހުން ވަނީ މާލެން ދެކުނު، އއ މަތިވެރި ބަޔަކުވެސް ސިއްހީ ހިދުމަތަށް ކުޅުދުއްފުއްޓަށް އައިސްފަ އެވެ. އއ މަތިވެރިއަށްފަހު މިއަދު މިވަނީ އދ އަތޮޅުގެ އޮމަދޫ ބަޔަކު ބޭސްފަރުވާއަށް އައިސްފައި އެވެ. ކ އަތޮޅުން އަދި ބ އަތޮޅުންވެސް އަންނަނީ ކުޅުދުއްފުއްޓާއި ދެމެދު ސްޕީޓް ލޯންޗެ ފެރީ ބާއްވަމުންނެވެ. އެރަށުން ޕޮޒިޓިވްކޭސްއެއް ފެނީ ރަށް މޮނީޓަރިންއަށް ލުމާއިއެކު މާދަމާ ތާވަލްކުރެވިފައިވާ ގިނަ ދަތުރު ތަކެއް މިހާރުވަނީ ކެންސަލް ކުރެވިފަ އެވެ.
ހޮނިހިރު ދުވަހު ކުޅުދުއްފުށްޓަށް އެންމެ ގިނަ މީހުން ދަނީ އެރަށުގައި ހުންނަ ސަރަޙައްދީ ހަސްފަތާލަށް ޑަކްޓަރަށް ދަށްކާށެވެ. މި ގޮތުން މާދަމާއަށް ވެސް ގިނަ ބަޔަކު ތިބީ އެޕޮއިންޓް މަންޓް ހައްދައިގެން ދަތުރަށް ތައްޔާރު ވެގެންނެވެ.
ކުޅުދުއްފުއްޓަކީ ސަރަޙައްދުން އެންމެ ގިނަ ޚިދުމަތް ލިބެން ހުންނަ ރަށެވެ. ހަސްފަތާލުގެ އިތުރުން ކްލިނިކާއި، އެއަރޕޯޓުގެ ޚިދުމަތާއި، ދިރާގާއި، އުރީދޫއާއި، ބޭންކާއި މިހެން ގޮސް އެތައް ޚިދުމަތެއް އެރަށުން ލިބެއެވެ.
އެ ރަށުގެ ބާޒާރަކީވެސް ފުރިހަމަ، ގިނަ ބާވަތްތަކެއް ލިބެން ހުންނަ ބާޒާރެކެވެ. އެރަށުގައި މާލެއިން ވެސް ގަންނަން ލިބޭ ހުރިހާ ބާވަތެއް ގަންނަން ލިބެން ހުރެއެވެ. ބޯކޮށާލަން ވިޔަސް، ފޮޓޯ ނަގާލަން ވިޔަސް އެފަދަ އެތައް ޚިދުމަތެއް ރަށްރަށު މީހުން އެރަށުން ހޯދައެވެ.
ހޮނިހިރު ދުވަހަކީ ރަށްރަށުގައި ހައްދާ ބާވަތްތައްވެސް އެ ރަށަށް ގެންގޮސް ވިއްކާ ދުވަހެވެ. އެދުވަހަށް ކުޅުދުއްފުށީގެ ފިހާރަތަކުންނާއި، ސައިހޮޓާ، ކެފޭ ރެސްޓޯރެންޓް ތަކުންވެސް ތައްޔާރު ވެއެވެ.
މާދަމާވެސް ގިނަ ރަށްތަކަކުން އެރަށަށް އެކި ބޭނުން ތަކުގައި ދިއުމަށް މީހުން ތައްޔާރަށް ތިއްބާ ކަންދިމާވި ގޮތުން މިހާރު ރަށްތަކުގެ ކައުންސިލުން ދަނީ ކުޅުދުއްފުށީ މޮނިޓަރިންއަށްލާފައިވާ ކަން އެންގުމަށް މަސައްކަތް ކުރަމުންނެވެ. ގިނަ ކައުންސުލްތަކުގެ ފޭސްބުކް ޕޭޖްގައި ކުޅުދުއްފުށީ މޮނިޓަރިންނަށް ލާފައިވާކަމުގެ ލިޔުން މިހާރު ވަނީ ހިއްސާކޮށްފައެވެ.
އެލިޔުން ދަނީ އެކި ވައިބަރ ގްރޫޕްތަކުގައި ދައުރުކޮށް މީހުންނަށް އެ މެސެޖުދިނުމަށް މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށްޓަކީ ސަރަޙައްދުގެ ރަށްތަކުން އެތައް ކަމަކަށް ބަރޯސާވެފައިވާ ރަށަކަށްވުމާއިއެކު، މިފަދަ ހާލަތެއް މެދުވެރިވެ، އެރަށަށް ޚިދުމަތް ހޯދަން ނުދެވުމީ އެ ރަށްތަކުގެ ރަށްޔިތުންނަށް ވެސް ދިމާވާނެ ވަރަށް ބޮޑު ދައްޗެކެވެ.
މިކުރިމަތިވި ހާލަތުން ވީއެންމެ އަވަހަކަށް އަރައި ގަނެވުމީ އަޅުގަނޑުމެންގެ ދުޢާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!