ހއ. ހޯރަފުށީ ސްޕޯޓްސް ކުލަބު އެފް.ސީ ފްރިގޭޓަރގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފްރިގޭޓަރއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އެކުވެރި ކަމުގެ އަންހެން ވޮލީ މެޗެއް ހއ. މޮޅަދޫއާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅުމުގެ އިތުރުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ހއ. އުލިގަމާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅެވުނެވެ.
އަހަރީ ދުވަހާއި ގުޅުވައިގެން ދެންކުރިއަށްގެންދިޔައީ ހއ. ހޯރަފުށީގައި ދިރިއުޅުއްވާ ޒުވާނުންނަށް ހުޅުވާލައިގެން "އެފް.ސީ ފްރިގޭޓަރ ފީފާ20 ޕީ.އެސް މުބާރާތް" ނަމުގެ ޕީ.އެސް މުބާރާތެކެވެ. މިމުބާރާތުގެ ވަނަތައް ޙާޞިލްކުރި ބައިވެރިންނަށް ވަނީ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ.

އެފް.ސީ ފްރިގޭޓަރގެ ރައީސް އިބްރާހިމް ނިޔާޒު މަޢުލޫމާތު ދެއްވާ ގޮތުގައި އެފް.ސީ ފްރިގޭޓަރ އަކީ ރަށުގައި ކުޅިވަރު ދިރުވާ ކުޅިވަރުގެ ތެރެއިން ޒުވާނުން ބިނާކުރުމުގެ މުހިންމު މަޤުޞަދުގައި އުފެދިފައިވާ ކުލަބެކެވެ. ނަމަވެސް ކުޅިވަރުގެ ދާއިރާގެ އިތުރުންވެސް މިކުލަބު އަންނަނީ ރަށުގެ ފެންވަރުގައި ހިންގޭ ކޮންމެ ޚަރަކާތަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދެމުންނެވެ.
އަދި އަހަރީ ދުވަހުގެ ޚަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދެއްވާފައިވާ އެންމެހާ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އަޙުމަދު ސަލީމް، ގެލެކްސިސް، ނެޒްރޯ، ޑެޒްލިންގ ކޮސްމެޓިކްސް، ސެފްރޯން ރެސްޓޯރެންޓް، ޒެޑް އެޗް އެލްމުނިއަމް ހައިޑްސް، އެޑޯރ މޯ އަދި މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ، ހަހެތި ޖަމިއްޔާ، ހޯރަފުށީ އިޖުތިމާޢި މަރުކަޒު، މުޙައްމަދު ފާތިޙް / ނިރު އަދި ހޯރަފުށީ ކައުންސިލްގެ ނަން ޙާއްޞަ ގޮތެއްގައި ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރިއެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ފަރާތްތައް މިކަމުގައ އެހީތެރިކަން ދެއްވާފައިވާ ކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ވަނީ ޝުކުރު ޢަދާކޮށްފައެވެ.
އެކުލަބުން މަޢުލޫމާތު ދެއްވާ ގޮތުގައި މިހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ 11 ޖުލައި 2020 ން 18 ޖުލައި 2020 އަށެވެ.
#BoduEidFutsal1441
FC Frigator Team Practice!#RiseAsOneWinAsAll pic.twitter.com/kmkXJvRut8— FC Frigator (@fc_frigator) July 21, 2020
އެފް.ސީ ފްރިގޭޓަރ އަކީ 2004 ވަނަ އަހަރު އުފެދިގެން އައި ފުޓްބޯޅަ ކުލަބަކުން މިހާރު ރަޖިސްޓްރީ ކުރެވިގެން ހިންގާ ކުލަބެކެވެ. އެފ.ސީ ފްރިގޭޓަރ އަންނަނީ ރަށުފެންވަރުގައި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ކުލަބު ފެށުނީއްސުރެވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މިކުލަބު ޙަރަކާތްތެރިވުމުގެ މުހިންމު މަޤުޞަދުގައި 2019 ޖުލައި 11 ވަނަ ދުވަހުވަނީ ރަސްމީ ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!