ފާއިތުވެދިޔަ ޖޫންމަހުގެ ކަރަންޓުބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ އެކަން ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވައި މީކާއީލް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތަތައް އާދަޔާޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުންދަނީ ލިބެމުންކަމަށެވެ.

Ad
rt

އެ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ އަދި ހަތަރުގުނަ ވެސް ބޮޑުވެފައި ހުރިކަން ފާހަގަ ކުރެވޭކަމަށާއި،

މީކާއީލްގެ ސިޓީގައި ވެއެވެ.

އެހެންކަމުން ކޯވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުއްވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުން އެދި ދެންނަވާކަމުގައި އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި މިވަނީ ފާއިތުވެދިޔަ ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވި އެކަމުގެ ނުތަނަވަސްކަން ރައްޔިތުން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހާމަކުރަމުންދާ ދަނޑިވަޅެއްގައެވެ.