އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަހައްޓަމުން އަންނަ މުހިންމު ޑޭޓާބޭސްއެއް ކަމަށްވާ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރު (އެންސީއައިސީ) އަށް ހެކަރުން ވަދެގަނެފައިވާ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަން ހާމަކޮށް ސީއެންއެން އިން ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެންސީއައިސީ އަކީ އެމެރިކާގެ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ކޯޓު އަމުރުތަކާއި ކުށުގެ ރެކޯޑު ނުވަތަ ބެކްގްރައުންޑް ޗެކް މައުލޫމާތު ހިއްސާކުރުމަށް ގައުމީ ފެންވަރުގައި ބޭނުންކުރާ ނިޒާމެކެވެ. މި ތަހުގީގުގެ މައުލޫމާތު ލިބިފައިވާ ދެ ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެކަރުން މި ނިޒާމުގެ ތެރެއަށް ވަދެފައިވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައެވެ.
މި ހާދިސާއާ ގުޅިގެން އެފްބީއައި އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އެ އިދާރާގެ ސަލާމަތީ ނިޒާމު ފޫއަޅުވާލި ދެވަނަ ފަހަރެވެ. މީގެކުރިން، ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ޝައިނީ ހަންޓާސް" ނަމަކަށް ކިޔާ ގްރޫޕަކުން ވަނީ އެފްބީއައިގެ ވަޒީފާތަކާ ބެހޭ ވެބްސައިޓަކަށް ވަދެ، އެ އިދާރާގެ މުވައްޒަފުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަގާފައެވެ.
މި ފަހަރުގެ ސައިބާ ހަމަލާގެ މައުލޫމާތު އޮފިޝަލުންނަށް ލިބުމާ ގުޅިގެން، އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވަނީ ބުރާސްފަތި ދުވަހު ފޮކްސް ނިއުސްއަށް އަރައިވަޑައިގެން އެ އިދާރާގެ ސައިބާ ސެކިއުރިޓީ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. ނަމަވެސް، ސީއެންއެން އިން ބުނި ގޮތުގައި އޭނާ އެ ޕްރޮގްރާމުގައި ވާހަކަދެއްކެވީ މީގެ މަސްތަކެއް ކުރިން ނިމިފައިވާ އޮޕަރޭޝަނެއް މިހާރުވެސް ހިނގަމުންދާ ކަމަށް ދައްކުވައިދޭ ގޮތަށެވެ.
އެ އިންޓަވިއުގައި ވާހަކަދައްކަވަމުން ކޭޝް ޕަޓޭލް ވިދާޅުވީ، "އަޅުގަނޑުމެން މި އުޅެނީ ކަންކަމަށް ވުރެ އެއް ފިޔަވަޅު ކުރީގައި އަދި ގެއްލިގެންދިޔަ ވަގުތުތަކުގެ ބަދަލު ހޯދަމުން،" ކަމަށެވެ.
އެފްބީއައިގެ މުހިންމު ޑޭޓާބޭސްއަކަށް މިފަދަ ހަމަލާއެއް އަމާޒުވެފައި މިވަނީ، އެމެރިކާގެ ބޭންކުތަކާއި، ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) ގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތްތައް މެދުކެނޑުމުގެ ސިލްސިލާ ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާތަކާ ގުޅިގެން ގައުމުގެ ސައިބާ ސަލާމަތީ ކަންކަމާ މެދު އާންމުންގެ އިތުބާރު ހޯދުމަށް އެމެރިކާ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!