ޗައިނާއިން ވަނީ 6ޖީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި މުހިންމު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ދިރާސާކުރާ ފަރާތްތަކުން ވަނީ ޖިސްމާނީ އެއްޗެހީގެ ހަރަކާތްތައް ދެނެގަނެވޭ ފެންވަރުގެ އާ ޓެކްނޮލޮޖީއެއް ޓެސްޓުކޮށްފައެވެ.

މި އިންގިލާބީ ކާމިޔާބީ ހޯދާފައިވަނީ ނަންޖިންގްގެ ޒިޖިންޝާން ލޮރެޓަރީ (ޕާޕަލް މައުންޓން ލޮރެޓަރީޒް)ގައެވެ. އެ ތަނުގައި ބޭސް ސްޓޭޝަން ސިގްނަލްތައް މެދުވެރިކޮށް، އައިއެސްއޭސީ (އިންޓަގްރޭޓޭޑް ސެންސިން އެންޑް ކޮމިއުނިކޭޝަންސް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖިސްމާނީ އެއްޗެހީގެ ހަރަކާތްތައް ދެނެގަނެފައިވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

Ad
rt

މި ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ކަންކަމާއި ސެންސިން ނުވަތަ އިހުސާސް ކުރުމުގެ ނިޒާމު އެއްކޮށްލެވެއެވެ. މިއީ އަމިއްލައަށް ދުއްވާ އުޅަނދުފަހަރާއި ސްމާޓް ޓްރެފިކް ނިޒާމުތައްފަދަ ކަންކަމަށް ބޭނުންކުރެވޭނެ ނިޒާމެއް ކަމަށާއި، މީގެ ސަބަބުން ރޭޑިއޯ ސިގްނަލްތަކަށް ހަމައެކަނި ޑޭޓާ ފޮނުވުމުގެ އިތުރުން ވަށައިގެންވާ މާހައުލު ޓްރެކްކުރުމުގެ ގާބިލުކަން ލިބިގެންދާ ކަމަށް ބުނެފައިވެއެވެ.

އައިއެސްއޭސީ ނިޒާމު މަސައްކަތްކުރާގޮތުން، ސެލިއުލަރ ބޭސް ސްޓޭޝަންތައް ދެ ބޭނުމަކަށް ބޭނުންކުރެވޭ ރޭޑިއޯ ސެންސަރުތަކަކަށް ބަދަލުކޮށްދެއެވެ. މިއީ ޑޭޓާ އުފުލާ ހަމަ އެ ލެސް ސިގްނަލްތައް ބޭނުންކޮށްގެން، ޓާގެޓްގައި ވަކިން ކެމެރާއެއް ހަރުކުރުމަކާ ނުލައި، ހަރަކާތްތައް ހުންނަ ގޮތާއި ތަންތަން ދެނެގަނެވޭނެ ނިޒާމެކެވެ.

މި ދިރާސާގައި ބޭސް ސްޓޭޝަނުން ފޮނުވާ ސިންގަލް ސިގްނަލަކުން ޑޭޓާ ފޮނުވުމާއެކު ވަށައިގެންވާ މާހައުލު ހޯދަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ރޭޑިއޯ ރާޅުތައް ވެހިކަލް، ޑްރޯން، ނުވަތަ ހިނގާބިނގާވެ އުޅޭ މީހުން ފަދަ ތަކެތީގައި ޖެހިފައި އެނބުރި އަންނަ އިރު (އެކޯ އެންޑް ޑޮޕްލަރ އެނެލިސިސް)، ސިގްނަލަށް އަންނަ ބަދަލުތަކުން ދުރމނާއި، ބާރުމިނާއި، މިސްރާބު ވަރަށް ފަސޭހައިން ދެނެގަނެވޭ ކަމަށް ބުނެފައިވެއެވެ.

ނަންޖިންގްގެ ޒިޖިންޝާން ލެބޯޓްރީގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކޮށްފައިވާއިރު، މީގެ ތެރޭގައި ވައިގެ ތަންކޮޅު ތިރި ސަރަހައްދުތަކާއި މަތީ ފެންވަރުގެ ޓާގެޓް ސެންސިން ހިމެނޭ ގޮތަށް ޕްރީ-6ޖީ ފީލްޑް ޓްރަލްތައް ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޓްރެފިކް ކޮންޓްރޯލް ކުރުމާއި، ސަލާމަތީ ކަންކަމާއި އަދި މަސްނުޢީ ބުއްދީގެ ނިޒާމުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.