އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް އިނގިރޭސިވިލާތުން ތައްޔާރުވަމުން އަންނައިރު، އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް 300،000 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން އިނގިރޭސިވިލާތުގައި ބޮޑު ދިރާސާއެއް ފަށަން ނިންމައިފިއެވެ.
ރިސާޗަރުންނާ ގުޅިގެން ކުރިއަށްގެންދާ މި ދިރާސާގައި، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުން ކުޑަކުދިންނާއި ޓީނޭޖަރުންގެ ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތައް، ހާއްސަކޮށް ފޯނުގައި ހޭދަކުރާ ވަގުތު މަދުވޭތޯއާއި ސްކްރޯލްކުރުމުގެ ބަދަލުގައި އެ ކުދިން ކުރަނީ ކޮން ކަމެއްތޯ ބަލާނެއެވެ.
އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ. މިއީ އިންސްޓަގްރާމް، ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކަށް ކުޑަކުދިން ވަނުން ހުއްޓުވުމަށް އޮސްޓްރޭލިއާއިން މިހާރުވެސް ތައާރަފުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަޅާ ފިޔަވަޅެކެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ތިބި ތަފާތު ޒުވާނުންގެ ހާލަތު ދައްކުވައިދިނުމުގެ ގޮތުން، އިންގްލެންޑް، ވޭލްސް އަދި ސްކޮޓްލެންޑް ހިމެނޭހެން 10 މަޝްރޫއެއް މި ދިރާސާގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.
ސިއްހީ ދާއިރާގެ ޗެރިޓީއެއް ކަމަށްވާ "ވެލްކަމް ޓްރަސްޓް" އިން ހަރަދުކުރާ މި ދިރާސާގެ ބައެއް ނަތީޖާތައް ސޯޝަލް މީޑިއާ މަނާކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް ލިބޭނެއެވެ. މީގެ ސަބަބުން އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ފެންވަރުގައި އޮންލައިން ރައްކާތެރިކަމުގެ ސިޔާސަތުތައް އެކަށައެޅުމަށް އެހީތެރިވެދޭނެއެވެ. މި މަސައްކަތުގައި މައުލޫމާތު އެއްކުރުމަށް ވެއަރަބަލް ޓެކްނޮލޮޖީއާއި، ސްމާޓްފޯނާއި، ޑިޖިޓަލް ޑައިރީ އަދި ސާވޭތައް ބޭނުންކުރާނެ ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންނަ ބަދަލުތަކުގެ އިތުރުން މި ހުރަސްތަކުން ރެކެން ކުދިން އެއްވެސް މަގެއް ހޯދާތޯ ވެސް ދިރާސާވެރިން ބަލާނެއެވެ.
ވެލްކަމްގެ ރިސާޗް ލީޑް ޑރ. ކެމިލާ އިއަނޯން ވިދާޅުވި ގޮތުގައި މިއީ ސޯޝަލް މީޑިއާއާއި އެކަމަށް އަޅާ ހުރަސްތަކުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު މިހާ ފުޅާ ދާއިރާއެއްގައި ދެނެގަތުމަށް ލިބުނު ވަރަށް ނާދިރު ފުރުސަތެކެވެ. "މިއީ ސޯޝަލް މީޑިއާއަކީ ރަނގަޅު އެއްޗެއްތޯ ނުވަތަ ގޯސް އެއްޗެއްތޯ، އަދި އަޅާ ހުރަސްތަކަކީ މަސައްކަތްކުރާ އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ އާދައިގެ ސުވާލެއް ކަމަކަށް އަޅުގަނޑުމެން ހަގީގަތުގައި ނުދެކެން،" އޭނާ ވިދާޅުވިއެވެ. "އޭގެ ބަދަލުގައި، ރިސާޗް ޓީމުތަކުން ބަލާނީ ޒުވާނުންގެ ޑިޖިޓަލް މާހައުލަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މާނަހުރި ބަދަލެއް އާދޭތޯ."
މި ދިރާސާގައި ބައިވެރިކުރުމަށް އެކި ޖިންސުތަކާއި އެކި ޝައުގުވެރިކަން ހުންނަ ޒުވާނުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހާސްކަމާއި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ކުރިން ވެސް ހުންނަ ކުދިންނާއި، ނިއުރޯޑައިވާޖެންޓް ކުދިން ވެސް ބައިވެރިކުރާނެއެވެ. މި މަސައްކަތުގެ ދިރާސާ ގްރޫޕްތައް ކާޑިފް ޔުނިވާސިޓީ، އޮކްސްފޯޑް ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ބާމިންހަމް، ކިންގްސް ކޮލެޖް ލަންޑަން، ޔުނިވާސިޓީ އޮފް އެޑިންބަރާ، ޔުނިވާސިޓީ އޮފް މެންޗެސްޓާ، ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން، އަދި ޔުނިވާސިޓީ ކޮލެޖް ލަންޑަންގައި ވަނީ ގާއިމުކޮށްފައެވެ.
އޮސްޓްރޭލިއާއިން މިދިޔަ ޑިސެމްބަރު މަހު ސޯޝަލް މީޑިއާ މަނާކުރި ނަމަވެސް، އޭގެ ސާފު ނަތީޖާއެއް އަދި ފެނިފައެއް ނުވެއެވެ. އެ ފިޔަވަޅަށް ތާއީދުކުރާ ފަރާތްތަކުން އެއީ ގެއްލުންހުރި ކަންކަމުން ކުދިން ރައްކާތެރިކުރުމަށް ލިބުނު ކާމިޔާބީއެއް ކަމަށް ބުނާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެއީ މާ ހަރުކަށި ފިޔަވަޅެއް ކަމަށެވެ. އެގައުމުގައި އޮންލައިން ފޯރަމް ރެޑިޓް އަދި ޑިޖިޓަލް ރައިޓްސް ޖަމާއަތަކުން ވަނީ އެ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފު އެއްޗެއް ކަމަށް ބުނެ ހައިކޯޓުގައި ދައުވާ ވެސް އުފުލައިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ބައެއް ކުދިން އެ ހުރަސްތަކުން ރެކެން އެކި ގޮތްގޮތް ހޯދަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިނގިރޭސި ސަރުކާރުން ބުނެފައިވަނީ އެ ގައުމުގައި އެއަށްވުރެ ވަރުގަދަ ހުރަސްތަކެއް ގާއިމުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!