އެއްވެސް މިސައިލެއް ނުވަތަ ވަޒަނެއް ބޭނުންކުރުމަކާ ނުލައި، އެންމެ ފިތަކަށް އޮބާލައިގެން ސިކުންތުކޮޅެއްގެ ތެރޭގައި 51 ޑްރޯން އެއްފަހަރާ ހަލާކުކޮށްލެވޭ ނިޒާމެއް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައިވާ ކަމަށް ތުރުކީވިލާތުގެ ދިފާޢީ އަދި އިލެކްޓްރޯނިކްސް ކުންފުނި އަސެލްސާނުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ.
"އެޖްދަރްހާ" ގެ ނަން ދީފައިވާ މި ހައި-ޕަވަރ އިލެކްޓްރޯމެގްނެޓިކް (އެޗްޕީއީއެމް) ޑްރޯން ދިފާޢީ ނިޒާމަކީ، ޒަމާނީ ސަލާމަތީ ނުރައްކާތައް ނައްތާލުމަށް އުފެއްދި ޒަމާނީ ޓެކްނޮލޮޖީއެކެވެ.
އަސެލްސާންގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއްފަހަރާ ވައިގެ ތެރެއަށް ދޫކޮށްލި 51 ޑްރޯން، މި ނިޒާމުގެ އެހީގައި ވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއްފަހަރާ ނުކުޅެދޭ ހާލަތަކަށް ގެނެސްފައެވެ. ވެކިއުމް އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ބާރުގަދަ އިލެކްޓްރޯމެގްނެޓިކް ރާޅުތަކުގެ އެހީގައި މަސައްކަތްކުރާ މި ނިޒާމުން ވަނީ އެއްފަހަރާ ކުރިމަތިވި އެތައް ނުރައްކަލެއް ވަގުތުން ހުއްޓުވައި، ކާމިޔާބުކަމާއެކު އެ ހުރިހާ އަމާޒުތަކެއް ނައްތާލާފައެވެ.
މި ޓެސްޓުގެ ފުރަތަމަ މަރުހަލާގައި މި ނިޒާމުން ވަނީ ގާތްގަނޑަކަށް 1،000 މީޓަރު ދުރުގައި ހުރި، ވާގަނޑަކުން ގުޅާފައިވާ ދެ ޑްރޯން (ޓެތަޑް ޑްރޯން) ނައްތާލާފައެވެ. މި ޓެސްޓުން ސާބިތުވެގެން ދިޔައީ އާދައިގެ ޑްރޯން ދިފާޢީ ނިޒާމުތަކަށް ހުއްޓުވަން ދަތިވާ ޓެތަޑް ޑްރޯންތަކުން ވެސް މި ނިޒާމަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމެވެ. އަދި ދެވަނަ މަރުހަލާގައި، މިހާރު ދިފާޢީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ ބައިގަނޑު ހަދައިގެން އަންނަ ޑްރޯންތައް (ޑްރޯން ސްވޯމްސް) އެއްފަހަރާ ނައްތާލުމުގެ ޤާބިލުކަން އެޖްދަރްހާ ނިޒާމުން ވަނީ ދައްކުވައިދީފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން އަސެލްސާންގެ ސީއީއޯ އަޙްމަދު އަޤްޔޯލް ވިދާޅުވީ، އެއްވެސް މިސައިލެއް ނުވަތަ ވަޒަނެއް ބޭނުންކުރުމެއް ނެތި، އެންމެ ފިތަކަށް އޮބާލައިގެން 51 ޑްރޯން އެއްފަހަރާ ވައްޓާލުމުގެ ޤާބިލުކަން ލިބިފައިވާ ދުނިޔޭގެ ފުރަތަމަ ނިޒާމަކަށް އެޖްދަރްހާ ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ބާރުގަދަ އިލެކްޓްރޯމެގްނެޓިކް ރާޅުތަކާއެކު، މި ޒަމާނުގެ އެންމެ ބޮޑު އެއް ނުރައްކާ ކަމުގައިވާ ޑްރޯންތައް ހަލާކުކޮށްލުމަށް އޮތް އެންމެ ނަތީޖާ ނެރެދޭ އެއް ނިޒާމަކީ މިއީ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަޤްޔޯލް އިތުރަށް ވިދާޅުވީ، މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި އަސެލްސާނުން އެއްކުރި ތަޖުރިބާއާއި، ޒުވާން އިންޖިނިއަރުންގެ ހުނަރާއި، ދައުލަތުން ދެއްކި މިސްރާބާއި، ރައްޔިތުންގެ ދެމެހެއްޓެނިވި އެއްބާރުލުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެޖްދަރްހާ އަކީ މިހާރު ޢަމަލީ މައިދާނުގައި ބޭނުންކުރެވޭ، ގިނަ އަދަދަކަށް އުފައްދަން ފަށާފައިވާ އަދި ޤައުމުގެ ސަލާމަތަށް ޚިދުމަތްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ޓެކްނޮލޮޖީއެއް ކަމަށާއި މިފަދަ ޓެކްނޮލޮޖީތައް އިތުރަށް ކުރިއެރުވުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނީ އަދި މައިކްރޯ ފެންވަރުގެ ޑްރޯންތައް ދެނެގަނެ ނައްތާލުމަށް އުފައްދާފައިވާ މި ނިޒާމަކީ ތުރުކީވިލާތުގެ ޤައުމީ ވައިގެ ދިފާޢީ އޮނިގަނޑު ކަމަށްވާ "ސްޓީލް ޑޯމް" ގެ ދަށުން މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އަމާޒުތައް ދެނެގަތުމަށް ރާޑަރާއި، ފާރަލުމަށް އިލެކްޓްރޯ-އޮޕްޓިކަލް ސިސްޓަމްތައް އެކުލެވޭ މި ނިޒާމަށް އިލެކްޓްރޯނިކް ސާކިޓްތައް ހުންނަ އުޅަނދުތައް ހުއްޓުވުމާއި، ރީސްޓާޓް ކުރުވުމާއި، ނުކުޅެދޭ ހާލަތަށް ގެނައުމުގެ އިތުރުން ގެއްލުން ދިނުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މީގެއިތުރުން ކުދި ޑްރޯންތަކާއި، ތިރިން އުދުހޭ ފިކްސްޑް-ވިންގް އުޅަނދުތަކާއި، ވައިޔަލެސް އަދި ޓެތަޑް އެފްޕީވީ ޑްރޯންތަކުގެ އިތުރުން އިންޖީނުލީ ޑްރޯންތައް ދެނެގަނެ ނައްތާލުމުގެ ޤާބިލުކަން ޢަމަލީ މައިދާނުގައި މި ނިޒާމުން ވަނީ ސާބިތުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!