ދިރިއުޅުމުގައި ކުރިމަތިވާ އެކިއެކި އިމްތިޙާނުތަކާއި ދަތި އުނދަގޫތަކުގައި ކެތްތެރިވެ، ރިވެތި އަޚުލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި "އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މަޢުޟޫޢުގެ ޚުޠުބާގައި ވަނީ، އިންސާނާގެ ޙަޔާތަކީ ތަފާތު ބަދަލުތަކާއި އިމްތިޙާނުތަކުން ފުރިގެންވާ ދަތުރެއްކަން ފާހަގަކޮށްފައެވެ.

Ad
rt

ޚުޠުބާގައި ބަޔާންކުރި ގޮތުގައި ދުންޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުރެފައި ބަލިމަޑުކަމާ ކުރިމަތިވުމާއި، ތަނަވަސްކަމަށް ފަހު ދަތިހާލުގައި އުޅެންޖެހުމާއި، ލޯބިވާ ދަރިންނާއި މުދަލާއި ގެދޮރު އެކިއެކި ހާދިސާތަކުގައި ގެއްލި ފަނާވެދިއުމަކީ މާތް ﷲ މިންވަރުކުރައްވާ އިމްތިޙާނުތަކެކެވެ. އަދި އަމާންކަމާއި ބިރުވެރިކަން ވެރިވާ ހާލަތްތަކުގައި ވެސް، މުއުމިނުން ޖެހޭނީ ކެތްތެރިވެ އެ އިމްތިޙާނުތަކުން ފާސްވާން ކަމަށް ބުންޏެވެ.

މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަޞީބެއް ކަމުގައި ހީކޮށް، އެ ފަރާތަކާ މެދު ކުށްހީކޮށް ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދަލާއި ފުރާނަތައް އުނިކުރެއްވުމުން އިމްތިޙާނު ކުރައްވާނެކަން މާތް ﷲ އަންގަވާފައިވާ ކަމަށާއި، މުޞީބާތްތަކުގެ ވަގުތުގައި މާތް ﷲ އަށް ކިޔަމަންތެރިވެ ކެތްތެރިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރާއި މަޣުފިރަތާއި ރަޙުމަތް ލިބިގެންވާކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ޚުޠުބާގައި ވަނީ ބަޔާންކޮށްދީފައެވެ.

މީގެއިތުރުން، އަތްމަތި ދަތިވެ ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދާ ފޭރި، ވައްކަން ކުރުމަކީ ހުއްދަވާނެ ކަމެއް ނޫންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އިސްލާމްދީނަކީ އެންމެ މާތް ދީން ކަމުގައިވީ އިރު، އިސްލާމީ ބައެއް މުޖުތަމަޢުތަކުން ފެންނަ އަޚުލާޤީ ގޮތުން ދަށް އަދި ނޭދެވޭ ސިފަތަކުގެ ސަބަބުން، އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވެދާނެ ކަމަށް ވެސް ބުންޏެވެ.

މީހުންނާ މުޢާމަލާތު ކުރުމުގައްޔާއި ބަސްމޮށުމުގައި ވެސް މަޑުމައިތިރިކަމާއި އަދަބުވެރިކަން އިސްކުރުމަށް ޚުޠުބާގައި ވަނީ ބާރުއަޅައިފައެވެ. ތިމާ ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ އަދި އަނިޔާވެރި މީހެއް ކަމުގައި ވިޔަސް، އިސްލާމްދީން އަމުރުކުރަނީ މަޑުމައިތިރި ބަހުން މުޚާޠަބު ކުރުމަށެވެ. މިގޮތުން، ފިރުޢައުނު ހައްދުފަހަނައަޅައި ދިއުމުން ވެސް އޭނާގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދު، މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް ބާވައިލެއްވި ދީނެކެވެ. އަދި ކީރިތި ރަސޫލާ ފޮނުއްވުމުގެ މައިގަނޑު މަޤުޞަދަކީ ވެސް ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމެވެ. ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާ ކަމަށާއި، ރިވެތި އަޚުލާޤުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފުމުގައި ދެމިހުންނަ މީހެއްގެ ދަރަޖައަށް ވާސިލުވެވޭނެކަން ޙަދީޘްފުޅުތަކުން އެނގެން އޮތް އިރު، މުޖުތަމަޢުގެ ބައެއް މީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.