ކީރިތި ޤުރުއާނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އަލަށް ބިނާކުރާ މި ޢިމާރާތުގެ ކުރެހުން ވަނީ ޢާންމުކޮށް ދައްކާލާފައެވެ. މިއީ ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ ޢިމާރާތެކެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 15 ބުރީގެ މި އިމާރާތުގައި ގިނަ ވަސީލަތްތަކެއް ހިމެނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮފީސް ބަޔާއި، ވިޔަފާރިތަކަށް ޚާއްސަ ކޮމާޝިއަލް އޭރިއާތަކާއި، ހޯލް އަދި މީޓިންގ ރޫމްތަކުގެ އިތުރުން ލައިބްރަރީއާއި ރެސްޓޯރެންޓު ފަދަ ތަންތަން މި އިމާރާތުގައި ޤާއިމުކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުންވެސް ނަފާ ލިބޭނެ ގޮތަކަށެވެ. އަދި ކީރިތި ޤުރުއާނަށް ޚާއްސަ މި ވަޤްފު ޢިމާރާތުން ލިބޭ އާމްދަނީ ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ.
މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު، އިމާރާތުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.
'ދާރުއްނޫރު' މަޝްރޫޢުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެއީ 'ދާރުލްއަރްޤަމް' އަދި 'ދާރުއްސަލާމް' ވަޤްފު މަޝްރޫޢެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުތައް ނިމުމުން ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދެވޭ މިންވަރަށް އެ ވުޒާރާއަށް އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!