މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް، ހަތަރުވަނަ ހޯދައިފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވާދަކުރި ވަރުގަދަ މި މުބާރާތުން ހަތަރުވަނަ ހޯދި ޝާޔާއަށް އިނާމެއްގެ ގޮތުގައި 170,000 (އެއްލައްކަ ހަތްދިހަ ހާސް) ސައުދީ ރިޔާލް ލިބިފައިވާކަމަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 7 ލައްކަ ރުފިޔާއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިރޭ މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގައެވެ.

Ad
rt

ޙަރަމްފުޅުގައި ބޭއްވި މި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވީ ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުންނެވެ. މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތަކުން ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް ވަނައެއް ލިބުމަކީ މުޅި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްފަހު، ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ޝާޔާ ހޯދި ބޮޑު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

މި ބޮޑު ކާމިޔާބީއާއެކު ޝާޔާ ވެގެން ގޮސްފައިވަނީ ބައިނަލްއަޤުވާމީ ގުރުއާން މުބާރާތްތަކުން ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދައިދިން ފާހަގަކޮށްލެވޭ ހާފިޒާއަކަށެވެ.

އިތުރު ފާހަގަކޮށްލެވޭ ނުކުތާތައް
• މިއީ މައްކާގައި ބާއްވާ މި މުބާރާތް މެދުކެނޑުމެއްނެތި ބާއްވަމުންދާތާ 46 އަހަރު ފުރުނު އަހަރެވެ. މިއަހަރު ބޭއްވުނީ މި މުބާރާތުގެ 46 ވަނަ އެޑިޝަނެވެ.
• މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިން ވާދަކޮށްފައިވެއެވެ.
• މި މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދީ، އަންހެން ކުދިންގެ ގޮފި ހިމެނި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ މުބާރާތްތަކުގައި އަންހެން ކުދިންގެ ގޮފި ހިމަނާފައެއް ނުވެއެވެ.