ސަޢޫދީ ޢަރަބިއްޔާގެ މަދީނާއިން މައްކާއަށް އުމުރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ، މިޞްރުގެ ދެ އުމުރާވެރިއަކު ނިޔާވެ 25 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސަޢޫދީގެ އަލްޖުމޫމް ސިޓީ ކައިރިންނެވެ. މިޞްރުގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށެވެ. އަދި އެކްސިޑެންޓްވި ބަހުގައި މިޞްރުގެ 47 އުމުރާވެރިން ތިބި ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އެ ވުޒާރާގެ ބަޔާނުގައިވާ ގޮތުން، އަނިޔާވި 25 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ހަތް މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އަނިޔާވި އެހެން އުމުރާވެރިންނަށް ހޮސްޕިޓަލްތަކުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އެ މީހުން މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށްވެސް މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އުމުރާއަކީ އަހަރުގެ ކޮންމެ ވަގުތެއްގައިވެސް މައްކާއަށް ގޮސް ކުރެވިދާނެ އަޅުކަމަކަށްވާއިރު، ކޮންމެ އަހަރަކުވެސް އެތައް މިލިޔަން މުސްލިމުން އުމުރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރެއެވެ. މީގެ ކުރިންވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!