ކަރަންސީ ސުވޮޕާއެކު، މިއަހަރު އެކަނިވެސް 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކާފައިވާ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރު ދެއްކި ދަރަނީގެ ޢަދަދު، އޭގެ ކުރީގެ 10 އަހަރު ދެއްކި ޢަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވި އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 123.7 އިންސައްތައިގައި ކަމަށާއި، ކުރިން ނުދައްކައި ހުރި ބިލުތަކަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 25.13 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރު ނިމިގެންދާއިރު ދިވެހިރާއްޖޭގެ ބަޖެޓުން، މި ސަރުކާރު ޙަވާލުވި އިރު ހުރި މިންވަރަށްވުރެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2029 ވަނަ އަހަރަށް މި ނިސްބަތް 112.9 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، މިއީ ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށްވުރެވެސް ރަނގަޅު ޢަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަޢުލަތުގެ ރިޒާވަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްމީ ރިޒާވް 1.3 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރަކީވެސް ރިޒާވް އިތުރަށް މަތިވެގެންދާނެ އަހަރެއް ކަމަށެވެ. އަދި ދަރަނި ދެއްކުމާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަވާފައިވާ ހަރުދަނާ ބަދަލުތަކާއެކު، މޫޑީޒް އަދި ފިޗް ރޭޓިންގުން ރާއްޖެއަށް އެއް ދަރަޖައިގެ ކުރިއެރުމެއް ލިބި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވެފައިވާކަން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އިޤްތިޞާދު ފުޅާކުރުމުގެ ގޮތުން ހިންގުނު މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ދެބައިކުޅަ އެއްބައި ނިމިފައި އޮތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމައި، މިހާރު ޚިދުމަތަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، މިހާރަށްވުރެ ހަ ގުނަ ބޮޑު ސަރަޙައްދަކަށް އެ ބަނދަރު ބަދަލުވުމުން ރާއްޖޭގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ލޮޅުމެއް ކުރިމަތިވި ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!