މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލައްވާފައިވާ ހދ. ހަނިމާދޫ ކައުންސިލްގެ ދެ މެންބަރަކަށް އެ ޕާޓީން ފިޔަވަޅު އެޅުމާ ގުޅިގެން، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ދެ ބޭފުޅުންނަށް ބަންދުވެއްޖެއެވެ.
އެމްޑީޕީން ފިޔަވަޅު އަޅާފައިވާ ދެ މެންބަރުންނަކީ އެ ޕާޓީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ހދ. އަތޮޅު ޤައުމީ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދާއި، ހަނިމާދޫ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ އަޙްމަދު އަނާންއެވެ.
އެ ދެ މެންބަރުންގެ މައްޗަށް ފިޔަވަޅު އަޅައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް އިންތިޚާބެއްގައި ވާދަނުކުރެވޭނެކަން އެ ޕާޓީން ވަނީ މިއަދު އަންގާފައެވެ. އެ ބޭފުޅުންނަށް މި ފިޔަވަޅު އެޅީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލްތަކާއި ޑަބްލިޔުޑީސީތައް ތަމްސީލުކުރާނެ މެންބަރުން ހޮވުމަށް ބޭއްވި ވޯޓުގައި ބައިވެރިވެފައި ނުވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ވޯޓުގައި ބައިވެރިނުވެވުނު ސަބަބާ ގުޅޭގޮތުން އެ މެންބަރުން ވިދާޅުވީ، ވޯޓުގައި ބައިވެރިނުވެވުނީ ދުރާލާ ރާވާފައިވާ ދަތުރެއްގައި ފުރަންޖެހުމުން ކަމަށެވެ. އަދި އެ ދަތުރު ރޭވީ ވޯޓަށް ދަތިނުވާނެ ގޮތަށް ކަމަށާއި، ނަމަވެސް އެލްޖީއޭއިން ވޯޓު ފަސްކުރުމާ ގުޅިގެން ދަތުރާއި ވޯޓު އެއް ދުވަސްވަރަކާ ދިމާވީ ކަމަށްވެސް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.
އެއިރު ދަތުރަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައްކޮށް އިންތިޒާމުތައް ހަމަޖައްސާފައި އޮތުމުން، ޕާޓީއަށް ދުރާލާ އެކަން އަންގައި ދަތުރުކުރި ނަމަވެސް، އެ ދަތުރަކީ އެކަށޭނަ އުޒުރެއް ނޫން ކަމަށް ބުނެ ޕާޓީން ވަނީ އެ ދެ މެންބަރުންގެ މައްޗަށް ފިޔަވަޅު އަޅާފައެވެ.
މި ދެ މެންބަރުންނަކީ ވެސް އެމްޑީޕީގެ ރިޔާސީ ރޭހަށް ނުކުންނަވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދުކުރައްވާ ދެ މެންބަރުންނެވެ. އެހެންކަމުން އެ ދެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ފުރުސަތު ގެއްލުވާލީ ގަސްތުގައި "ބޮޑު ބަދަލު ފެކްޝަން" އަޑީގައި އޮވެގެންނެވެ.
މިކަމާ ގުޅިގެން އެއް މެންބަރަކު ވިދާޅުވީ، "އަޅުގަނޑުމެން މައްސަލައެއްނެތް ވޯޓުން ބަލިކުރަނިކޮށް، ވޯޓު ނަގަންވީ، މިގޮތަކަށް ނޫން ކަންކަން ކުރަންވީ، އެދުވަހު ވޯޓުގައި ބައިވެރިނުވާ 80 ވަރަކަށް ކައުންސިލަރުން އެބައުޅޭ، ރާއްޖޭގައި ތިބެފައިވެސް ވޯޓަށް ނުދާ ކައުންސިލަރުން ވެސް އެބައުޅޭ، ފިޔަވަޅު އަންނަންވީ ނުލިބޭނެ ގޮނޑިތަކަށް ބަލައިގެންނެއްނޫން،" މިފަދައިންނެވެ.
ހަނިމާދޫ ކައުންސިލްގެ ދެ މެންބަރެއްގެ މައްޗަށް ފިޔަވަޅު އަޅައި، އެތެރޭގެ އިންތިޚާބުގެ ރޭހުން އެ ބޭފުޅުންނަށް ފުރުސަތު ގެއްލުނުއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!