ށ. ބިލެތްފަހީ ފުޓްސަލް ދަނޑުގައި ޤާއިމުކުރާ ރޮސްޓްރަމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބިލެތްފަހީ ކައުންސިލުން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

Ad
rt

މި މަސައްކަތް ކުރުމަށްޓަކައި ބިލެތްފަހީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކްސެސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެކުގައެވެ.

ބިލެތްފަހީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ ޖުމްލަ 270,000.00 (ދެ ލައްކަ ހަތްދިހަ ހާސް) ދިވެހި ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.

މި އެއްބަސްވުމުގެ ދަށުން އެކްސެސް އިންޖިނިއަރިންގއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް ޖުމްލަ 30 ދުވަހުގެ ތެރޭގައެވެ.

އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ރޮސްޓްރަމް އިމާރާތުގެ ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި ކައުންސިލާ ޙަވާލުކުރަންޖެހޭނެ ކަމަށް އެ ކައުންސިލުން ބަޔާންކުރެއެވެ.

މި މަސައްކަތް ނިމިގެން ދިޔުމުން، ބިލެތްފަހީ ފުޓްސަލް ދަނޑުގެ ރޮސްޓްރަމް އިމާރާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބިލެތްފަހީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.