2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ހޭދަވި ހަފުތާގައި ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 63.9 އިންސައްތަ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރިޕޯޓުކުރެވުނު މައްސަލަތަކުގައި ޖުމްލަ 630,573.34 ރުފިޔާ ވަނީ ގެއްލިފައެވެ.
ފުލުހުން ބުނީ މި މުއްދަތުގައި ގެއްލުނު ފައިސާގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށެވެ. ނަމަވެސް، ގެއްލުނު ފައިސާގެ 36.1 އިންސައްތަ ނުވަތަ 227,915.00 ރުފިޔާ އަދިވެސް ނުހޯދޭ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.
ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއީ ރިޕޯޓުކުރި ޖުމްލަ މައްސަލަތަކުގެ 34.2 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައީ ހުއްދަނެތި މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 9 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެއީ މައްސަލަތަކުގެ 23.7 އިންސައްތައެވެ.
މީގެ އިތުރުން، ބުކިންގ ކެންސަލްކޮށް ރީފަންޑް ހޯދުމުގެ 6 މައްސަލައަކާއި (15.8 އިންސައްތަ)، ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 5 މައްސަލައެއް (13.2 އިންސައްތަ) ވަނީ ހުށަހަޅާފައެވެ. އަދި އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން މުއާމަލާތް ހިންގުން ނުވަތަ އިމްޕަރސަނޭޝަން ސްކޭމްގެ 4 މައްސަލައެއްގެ (10.5 އިންސައްތަ) އިތުރުން، އިންވެސްޓްމަންޓް ސްކޭމްގެ އެއް މައްސަލަ (2.6 އިންސައްތަ) ވެސް މި މުއްދަތުގައި ރިޕޯޓުކޮށްފައިވެއެވެ.
ސްކޭމް ހިންގާ އުކުޅުތަކާ ގުޅޭގޮތުން ފުލުހުން ފާހަގަކުރި ގޮތުގައި، ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް އަދިވެސް ދަނީ ފާހަގަކުރެވެމުންނެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފައިސާ ދެއްކިކަމަށް ދެއްކުމުގެ ގޮތުން ފޮނުވަނީ ސައްހަނޫން ނުވަތަ ފޭކް ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުން ކަމަށް ފުލުހުން ބުންޏެވެ.
ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ލިބިފައިވާކަމުގެ ހެއްކެއް ނޫންކަން ހަނދާންކޮށްދެމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!