ހއ. އުތީމުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް ހައުސް ކަނެކްޝަން ނުލެވި ހުރި ގޭތަކަށް ފެން ގުޅައިދިނުމުގެ މަސައްކަތް މާދަމާ ހެނދުނު ފަށާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނުއެވެ.
އުތީމުގައި ކުރިއަށްދާ ފެނުގެ މަޝްރޫޢުގެ ތެރެއިން ހައުސް ކަނެކްޝަންތައް ގުޅައިދިނުމުގެ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑުޕްލެކްސް ކުންފުނީގެ ފަރާތުންނެވެ.
މި މަސައްކަތުގެ ދަށުން މިވަގުތު ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވަނީ ރަށުގައި މިހާރު މީހުން ދިރިއުޅެމުންދާ ގެތަކަށެވެ. މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް މި ބުރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެއިތުރުން، މިހާރު މީހުން ދިރިނޫޅޭ ގޭތަކުގެ ތެރެއިން ވެސް ވަކި ޝަރުޠުތަކެއް ފުރިހަމަވާ އިމާރާތްތަކަށް ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މީހުން ދިރިނޫޅޭ ތަންތަނުގެ ތެރެއިން ފެން ގުޅައިދޭނީ ރާނައި ނިންމައި އަދި މަތީ ބެރި އަޅާފައިވާ އިމާރާތްތަކަށް އެކަންޏެވެ.
މި މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، ފެން ކަނެކްޝަން ގުޅުމަށްޓަކައި މިހާތަނަށް ކައުންސިލްގައި ނަން ނޯޓު ކޮށްފައިނުވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
އެހެންކަމުން، މިހާތަނަށް ނަން ނޯޓު ނުކުރައްވާ ފަރާތްތަކުން ލަސްނުކުރައްވައި 7791260 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!