މި ސަރުކާރަށް މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން، ވޭތުވެދިޔަ މުއްދަތުގައި ހާސިލުކުރެވުނު ކާމިޔާބީތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަން ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެޒެންޓޭޝަނަކާ އެކު، މިރޭ ހުޅުމާލޭގައި ބޮޑު ހަފުލާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ތިން އަހަރުގެ ކާމިޔާބީއާއި މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެޒެންޓޭޝަނެއް އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Ad
rt

މި ޕްރެޒެންޓޭޝަނުގައި ސަރުކާރުން ކުރިއަށް ރާވާފައި ހުރި ކަންކަން ވެސް ރައީސް ވިދާޅުވެދެއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފުލާއަކަށް ވާތީ، ސަރުކާރުގެ ވީހާވެސް ގިނަ މުވައްޒަފުން އެ ހަފުލާގައި ބައިވެރިވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުން މި މުނާސަބާ ފާހަގަކުރަނީ ''ކާމިޔާބު 156 ހަފުތާ''ގެ ނަމުގައެވެ.

ސަރުކާރުގެ ފާއިތުވި އަހަރުތަކުގެ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ހަފުލާ ބޭއްވީ ސޯޝަލް ސެންޓަރުގައެވެ. އެ ހަފުލާގައި ވެސް ރައީސް މުއިއްޒު ވަނީ ސަރުކާރުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

"ރައްޔިތުންނާ އެކު ކުރިއަށް - ހަފުތާ 104" ގެ ނަމުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ސަރުކާރުން އެހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި، މުހިންމު ނިންމުންތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އަދި ނިންމާފައިވާ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ. އަދި އެ ހަފުލާގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން މުޅި ރާއްޖޭގައި 1،875 ތަރައްގީގެ މަޝްރޫއު އޭރު ކުރިއަށްދާ ކަމަށެވެ.