ރިއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް ނަސްލީ ގޮތުން ފުރައްސާރަކުރި މީހަކު 11 މަސްދުވަހަށް ޖަލަށް ލުމަށް ސްޕެއިންގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރިއާލް މެޑްރިޑުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ރިއާލް މެޑްރިޑުން ބުނީ މި ހުކުމް އިއްވާފައިވަނީ ޕްރޮވިންޝަލް ކޯޓް އޮފް އަސްތޫރިއަސްގެ ދެވަނަ ސެކްޝަނުން ކަމަށެވެ. އެ މީހާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު ކާލޯސް ތާރތިއޭރޭ ސްޓޭޑިއަމްގައި ރިއާލް އޮވިއެޑޯއާ ދެކޮޅަށް ރިއާލް މެޑްރިޑް ކުޅުނު މެޗުގައި އެމްބާޕޭއަށް އަމާޒުކޮށް ނަސްލީ ގޮތުން އިހާނެތި ބަސްތައް ރައްދުކުރި މައްސަލައިގައެވެ.
މި މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް ސާބިތުވެފައިވަނީ ނަފްރަތު އުފެއްދުމުގެ ކުށެވެ. އެ ކުށާ ގުޅިގެން 11 މަސްދުވަހުގެ ޖަލު ހުކުމުގެ އިތުރުން، އޭނާއަށް ވަކި ހައްގުތަކަކުން މަހުރޫމްކުރުމުގެ އަދަބުތަކަކާއި ޖޫރިމަނާއެއް ވެސް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެން ނަމަވެސް، އެ މީހާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ކޯޓުން ވަނީ ޝަރުތެއް ކަނޑައަޅައިފައެވެ. އެއީ ރަސްމީ ކުޅިވަރު މުބާރާތްތައް ބާއްވާ ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ނުވަނުމެވެ.
މިއީ މެސްތާޔާ، ސޮން މޮއިކްސް، ވަޔެކާސް އަދި ހޯސޭ ޒޮރީޔާ ސްޓޭޑިއަމްތަކުގައި ރިއާލް މެޑްރިޑްގެ ކުޅުންތެރިންނަށް ނަސްލީ ފުރައްސާރަކުރި މައްސަލަތަކުގައި މީގެ ކުރިން އިއްވާފައިވާ ޖިނާއީ ހުކުމްތަކުގެ އިތުރުން ނިންމި ނިންމުމެއް ކަމަށް ވެސް އެ ކްލަބުން ފާހަގަކުރިއެވެ.
މި މައްސަލައިގައި އަމިއްލަ ދައުވާ އުފުލާ ފަރާތެއްގެ ގޮތުގައި ރިއާލް މެޑްރިޑުން ވަކާލާތުކޮށްފައިވާއިރު، މިފަދަ އެހެން މައްސަލަތަކުގައި ވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް އެ ކްލަބުން ބުންޏެވެ. އަދި ފުޓްބޯޅައާއި މުޅި ކުޅިވަރުގެ ތެރެއިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ ކޮންމެ އަމަލެއް ނައްތާލުމަށް ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކްލަބުން ވަނީ އަލުން ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!