ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދާއިމަށް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުމުގައި ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމަށާއި، ދިވެހީންގެ ސިޔާދަތު ދެމެހެއްޓޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުން ހުރިހާ މަސައްކަތެއްވެސް ކުރަމުންދަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށް ވިދާޅުވެފައެވެ.

Ad
rt

ވާހަކަފުޅު ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ޝަރަފަކީ އިސްލާމްދީނުގެ ޝިޢާރުތައް ކުރިއަރުވައި ނެގެހެއްޓުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުން ކަމުގައި ސިފަކުރައްވާފައެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން، ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނު ތިން އަހަރުކަން ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިސްލާމްދީނާ ނުޚާލިޤު އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށްޓަކައި ޗެކް-އެންޑް-ބެލަންސް ހަރުދަނާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ ދިފާޢީ އަދި ޚާރިޖީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިފާޢީ ގޮތުން ވިޔަސް އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން ޤައުމުގައި އުފައްދައި، ސަރަހައްދީ ސަލާމަތުގައިވެސް ފައިހަމަކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީން އިސްކުރުމުގެ ސިޔާސަތުކަން ތަކުރާރުކުރައްވައި، ދިވެހީންގެ މަޞްލަޙަތުގައި ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މި މޭރުމުން ޤާނޫނަށް ގެނެވުނު އިސްލާޙުތައް ފާހަގަކުރައްވަމުން، ކުރިން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ނިންމުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ނޫނީ ސަރަހައްދަށް ބަދަލެއް ނުގެނެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދާޚިލީ ގޮތުން ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ބޮޑަށް ބަލަންޖެހިފައިވާ އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށެވެ. ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެއްވެސް ފަރާތަކަށް އެނގެން ނެތް ނަމަވެސް، މި ސަރުކާރުން އިޚްލާޞްތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ބަޔޯމެޓްރިކްސް މިހާރު ރެކޯޑުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެންމެ އެކެއް އިންސައްތަ ޤައުމުގައި ހާސިލުކުރެވިފައިވާ ވަރުގެ މަތީ މިންގަނޑެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުން ކަމުގައިވާ ޑްރަގުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވަނީ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިންކަން ފާހަގަކުރައްވައި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުން ނެރެވުނު ނަތީޖާތަކުގެ ތަފްސީލީ ތަފާސްހިސާބުތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާގައި ހިއްސާކުރައްވާފައެވެ.