އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު އަދި ދިވެހިން ޤަބޫލުކުރާ ހަމަތަކާއި ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރެވޭނީ އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކަށް އެކަނި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުން ގެދޮރުވެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ރަސްމާލެއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، އެއީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ކުރަމުންދާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

Ad
rt

ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި، އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެކަން ތަކުރާރުކުރައްވަމުން، މިއީ ވަރަށް ސާފުކޮށް ބަޔާންކޮށް، ސަރުކާރުން ހިފަހައްޓަމުން އަންނަ ސާބިތު ސްޓޭންޑެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މިފަދަ ކަންކަމުގައި ޝައްކު އުފައްދައި، ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންކަން ނޫން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުން ގެދޮރުވެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަޢުލަތުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަމަށް ކަނޑައަޅުއްވާފައިވާ ކަމަށާއި، އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އާބާދީގެ ނިސްބަތަށާއި ދިރިއުޅޭ ސަރަޙައްދަށް ބެލުމެއްނެތި، އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު އެއް ފެންވަރެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އާބަން ސެންޓަރުތަކާއި އިންޓަރގްރޭޓެޑް ޒޯންތައް ޤާއިމްކުރުމުން އެ ސަރަޙައްދުތަކުން މަތީ ފެންވަރުގެ ޚިދުމަތްތައް ލިބި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް ހުންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ބޭންކިންގ، ފުލުހުންގެ ޚިދުމަތް އަދި ކުނި މެނޭޖްކުރާ ނިޒާމު ފަދަ ޚިދުމަތްތައް ޤާއިމްކުރެވޭނެ ކަމަށެވެ. މިފަދަ ޚިދުމަތްތަކަކީ އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭ ޚިދުމަތްތަކެއް ކަމަށާއި، މި މަޝްރޫޢުތަކަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެނިވި ވިސްނުމެއްގައި ސަރުކާރު ހިންގުމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޢަމަލުކުރަމުން އަންނަ އުޞޫލެއް ކަމަށާއި، މި އުޞޫލުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.