އެމެރިކާގައި ރެކޯޑު އަދަދަކަށް ހިމަބިހި ފެތުރި މީހުން މަރުވަމުންދާތާ ދެ އަހަރު ވެފައިވަނިކޮށް، އެ ގައުމުން ހިމަބިހި ނައްތާލެވިފައިވާ ކަމަށް އޮތް ދަރަޖަ 26 އަހަރަށް ފަހު ގެއްލިއްޖެ އެވެ. އދ. ގެ ހާއްސަ އިދާރާއެއް ކަމަށްވާ ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕާހޯ) އިން ކަނޑައަޅާފައިވަނީ، އެއްވެސް މެދުކެނޑުމެއް ނެތި އެއް ވައްތަރެއްގެ ހިމަބިހި އެމެރިކާގައި ފެތުރެމުންދާތާ 12 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
މި އަހަރު އެކަނިވެސް އެމެރިކާއިން ހިމަބިހި ޖެހުނު 5،400 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ 1991 ވަނަ އަހަރަށް ފަހު އެ ގައުމުގައި އެއް އަހަރު ތެރޭގައި މި ބަލި އެންމެ ގިނައިން ފެނުނު އަހަރެވެ. އަދި ހިމަބިހީގައި މިއަހަރު 10 މީހަކު މަރުވެފައިވާއިރު، މިއީ 1990 ގެ އަހަރުތަކަށް ފަހު އެ ގައުމުގައި މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އަހަރެވެ. ޕެންސިލްވޭނިއާ ސްޓޭޓުގައި ފެތުރުނު ރޯގާގައި އެކަނިވެސް 1،400 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، ހަތް މީހުން މަރުވެފައިވާ ކަމަށް އެ ސްޓޭޓުގެ އޮފިޝަލުން ހާމަކުރެ އެވެ. ނަމަވެސް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ދަނީ އެ މަރުތަކުގެ ތެރެއިން ބައެއް މަރުތައް ރަސްމީ ދަފުތަރުގައި ހިމެނުމަށް ދެކޮޅު ހަދަމުންނެވެ.
ޕާހޯގެ ޑިރެކްޓަރު ޑރ. ޖާބަސް ބާބޯސާ ވިދާޅުވީ، ވެކްސިން ދިނުމުގައި ހުރި ބޮޑެތި ހުސްކަންތައްތަކާ ހުރެ މެކްސިކޯ އަދި ބޮލީވިއާއަށް ވެސް ހިމަބިހި ނައްތާލެވިފައިވާ ކަމުގެ ދަރަޖަ ގެއްލިފައިވާ ކަމަށެވެ. މިއީ މި ސަރަހައްދަށް އޮތް ވަރަށް ސީރިއަސް އިންޒާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޕާހޯގެ އިމިއުނައިޒޭޝަން އެގްޒެކެޓިވް މެނޭޖަރު ޑެނިއަލް ސަލާސް ވިދާޅުވީ، ދަރަޖަ ގެއްލުނު ގައުމުތަކުން ވެކްސިން ކަވަރޭޖް ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ އިސްލާހީ ޕްލޭނެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޔޫކޭ، ސްޕެއިން އަދި އޮސްޓްރިއާ ހިމެނޭހެން ޔޫރަޕްގެ ބައެއް ގައުމުތަކާއި، ރަޝިއާ، އަޒަރުބައިޖާން އަދި އުޒްބެކިސްތާނަށް ވެސް މިއަހަރުގެ ކުރީކޮޅު ވަނީ މި ދަރަޖަ ގެއްލިފަ އެވެ.
ކޮލަމްބިއާ ޔުނިވާސިޓީ އިރވިންގ މެޑިކަލް ސެންޓަރުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ނުވަން ގުނަވަރުދަނާ ވިދާޅުވީ އެމެރިކާއިން މި ދަރަޖަ ގެއްލުމަކީ "ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއް" ކަމަށެވެ. އެމެރިކާގައި އެމްއެމްއާރު (ހިމަބިހި، ކޯރުމަސް އަދި ރުބެއްލާ) ވެކްސިން ޖަހާފައިވާ ނިސްބަތް ވަނީ 92.4 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެއީ އަލަށް އުފަންވާ ކުދިންނާއި ވެކްސިން ނުޖެހޭ ފަރާތްތައް ހިމެނޭހެން މުޖުތަމައު ބަލިން ރައްކާތެރިކޮށްދޭ "ހާޑް އިމިއުނިޓީ" ލިބޭ މިންވަރު ކަމަށްވާ 95 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ މާހިރު ވިލިއަމް މޮސް ފާހަގަކުރެއްވި ގޮތުގައި އެމެރިކާއަކީ ވެކްސިން ކެމްޕޭންތަކުގެ އެހީގައި މި ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލި ގައުމެވެ.
ސިއްހީ މާހިރުންނާއި ޑޮކްޓަރުން ބުނާ ގޮތުގައި ވެކްސިން ޖަހާ މިންވަރު ދަށަށް ދިއުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ސިއްހަތާ ބެހޭ ވަޒީރު ރޮބަޓް އެފް ކެނެޑީ ޖޫނިއާ ދައްކަވާ ވާހަކަތަކުގެ ނޭދެވޭ އަސަރު ބޮޑެވެ. ޓްރަމްޕް ވަނީ މިއަހަރު އެމްއެމްއާރު ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަވައި، އެ ވެކްސިން ވަކިވަކި ތިން އިންޖެކްޝަނަކަށް ބަހާލައިގެން ޖެހުމަށް ރިޔާސީ އަމުރެއް ނެރުއްވާފަ އެވެ. މިއީ ބޮޑު ހަރަދެއް ހިނގާނެ އަދި އާންމުންގެ މެދުގައި އޮޅުންބޮޅުން އިތުރުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މީގެ އިތުރުން ވެކްސިނާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވާ ކެނެޑީ ވަނީ ވެކްސިންތަކާ ބެހޭ ލަފާއަރުވާ މަތީ ކޮމިޓީގެ މެންބަރުން މަގާމުން ވަކިކުރައްވައި، އޭނާގެ އަމިއްލަ މީހުން އެ މަގާމުތަކަށް އައްޔަންކުރައްވާފަ އެވެ.
ޑރ. ގުނަވަރުދަނާ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ވެކްސިނާ ގުޅޭ ގޮތުން ފެތުރުނު ނަހަމަ މައުލޫމާތުތަކުގެ ސަބަބުން ސިއްހީ ނިޒާމަށް އޮތް އިތުބާރު ކެނޑެމުންދާ ކަމަށެވެ. "މިކަމުގެ ސަބަބުން ބަލިމީހުންނާއި އާއިލާތަކަށް ދަނީ އޮޅުން އަރަމުން. އަޅުގަނޑުމެން ބޭނުންވަނީ މަތީ ފަންތިން ސާފު މެސެޖެއް،" އޭނާ ވިދާޅުވި އެވެ. ފެޑެރަލް ސަރުކާރުން މިފަދަ ބަދަލުތައް ގެންނަމުންދާތީ، ސްޓޭޓްތަކުގެ ސިއްހީ އިދާރާތަކުން ދަނީ އަމިއްލަ ރެކޮމެންޑޭޝަންތައް ނެރެ، ޒަމާންވީ ސިއްހީ އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!