މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ކޮޅަށްޖަހައި އާންމު ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތީވެސް އެފަދަ އުންމީދީ ދުވަސްތަކެއް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މި ސަރުކާރުން މިހާތަނަށް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އަދި މީގެ 3 އަހަރު ކުރިއަށް ބަލާއިރު މި ސިނާޢަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ، އަނދަވަޅެއްގެ ތެރޭގައި ކަމަށް ވިޔަސް، މިއަދު އެ ރާސްތާ ބަދަލުކުރެވިފައިވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުން ކަމުގައި ވީނަމަވެސް، މިއަދާ ހަމައަށް 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރެއިން 1.3 ބިލިއަން ރުފިޔާއަކީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދީ ޚަލާޞްކުރެވިފައިވާ ފައިސާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަސްވެރިންނަށް ސަރުކާރުން ފަހިކޮށްދެމުންދާ މާލީ ފުރުޞަތުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ވެވަޑައިގެންފައިވާ އިތުރު ވަޢުދުފުޅުތައް ފުއްދެވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިއީ މި ދައުރުގެ ތެރޭގައި ނިމި، ސިނާޢަތަށް އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން އޮޑިވެރިންނަށްވެސް ފައިދާތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިފަދައިން ހާމަކުރާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، މިއީ ޢަމަލީ ގޮތުން ނަތީޖާ ފެނި، ޙަޤީޤަތުގައިވެސް ފައިދާ ވަމުންދާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާޢަތެކޭ އެއްފަދައިން، ދަނޑުވެރިކަމުގެ ސިނާޢަތަކީވެސް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭ ދާއިރާއެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިން މާ ބޮޑު އަޅައިލުމެއް ދެވިފައި ނެތް ނަމަވެސް، ދަނޑުވެރިކަމަކީ ކާބޯތަކެތީގެ ކަވަރުކަން ހޯދުމަށާއި ޤައުމުގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ދާއިރާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤާނޫނީ އަދި މާލީ ނިޒާމުގެ ތެރެއިން ކަންތައްތަކެއް ތަޢާރަފުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް 2027 ވަނަ އަހަރަކީވެސް ދަނޑުވެރިކަމުގެ ސިނާޢަތުގެ ތެރެއިން މިފަދަ ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!