ޒުވާނުންގެ ހަކަތަޔާ ނުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެކަން ފާހަގަކުރައްވައި، މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

Ad
rt

ހަރުދަނާ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢުގެ ތެރެއަށް ނުކުމެފައިވާ ކަމަށެވެ. އެގޮތުން ތަމްރީނުވި ޒުވާނުންނަކީ ހިތުގައި ޤައުމީ ލޯބި އާލާކުރެވި، ރަނގަޅު ތަރުބިއްޔަތަކާއި އަޚްލާޤެއް އަށަގެންނެވިފައިވާ ބައެއް ކަމަށާއި، އޭގެ ސަބަބުން މާދަމާ އެކި މަޤާމުތަކަށް ނުކުންނަ ޒުވާނުން ވެގެންދާނީ އަޚްލާޤު ރަނގަޅު، ވަގުތަށް ކަމޭހިތާ ހެޔޮލަފާ ބަޔަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިންވެސް ގިނަ ޒުވާނުންތަކެއް ތަމްރީނުކުރެވި، ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް އުފެދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާގައި ހިނގަމުންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުޅިވަރު ކުޅުމަށްޓަކައި އެކަށޭނަ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ގޮތުން ނެޓްބޯޅަ އަދި ފުޓްސަލް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކްރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަންދެނީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ، ކަރާމާތްތެރި ޚާރިޖީ ސިޔާސަތަކަށް ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އުފުލައި، ރާއްޖެއަށް ބޭރުގެ ވުނަކުރުންތައް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސިޑްސްގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު އަޑެއްގެ ގޮތުގައި މިހާރު ފާހަގަކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، އިސްރަށްވެހިންގެ ޚިޔާލާއި ފިކުރު، ތަޖުރިބާ އަދި މަސައްކަތުގެ އަޚްލާޤު ދަސްކުރުމަށްޓަކައި އިސްރަށްވެހިންގެ ނާދީގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އޮންނަ ގުޅުން ބަދަހިވެގެންދާކަން ފާހަގަކުރައްވަމުން، ޚުލްޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ސަރުކާރުން ފަށާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ރައްޔިތުންގެ މަޞްލަޙަތު ނަގަހައްޓަވާނެކަން ފާހަގަކުރައްވަމުންނެވެ. އަދި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމައަށް އަދާކުރެއްވުމުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.