ޒުވާނުންނަށް ޚާއްޞާކޮށްގެން، ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫތް ހެލްތު ކޭމްޕް 2026"ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ހެލްތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ރަޖިސްޓްރީވާ 30 ފަރާތަކަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 23 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގުޅިގެން، 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ ކޭމްޕެކެވެ.
މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00އަށެވެ.
ކޭއާރްއެޗް އިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތަކީ ޒުވާނުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، މަޖާ މާހައުލެއްގައި ދުޅަހެޔޮ އާދަތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި އިންޓަރެކްޓިވް ހަރަކާތްތަކާއި، ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތަކުގެ އިތުރުން ގްރޫޕް ހަރަކާތްތައް ވެސް ކުރިއަށްދާނެކަމަށާއި ބައިވެރިންނަށް ރިފްރެޝްމަންޓްގެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.
މި ކޭމްޕްގައި ރަޖިސްޓްރީވުމަށްޓަކައި އެ ހޮސްޕިޓަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ލިންކް https://forms.gle/49hczpqquCBBBw218 މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދިލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!