ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިބި ނަމަވެސް، ގައުމުގެ ބޮޑުބައި ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގައި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ސަރުކާރުގެ ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތް ކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ތާއީދު ކުރުމަށް ޕީއެންސީ އަދި ޢަދާލަތު ޕާޓީގެ ދެމެދުގައި ރަސްމީކޮށް އެއްބަސްވުމެއް ޤާއިމުކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އަދި އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ޕާޓީއަކުން ޕީއެންސީއާއެކު ކޯލިޝަނެއް ހެދުމަށް އެއްބަސްވުމުން ދޭހަކޮށްދެނީ، ގައުމުގެ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ކުރައްވަމުން ގެންދަވާ އިތުބާރު ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، އަދާލަތާއެކު ވެވުނު މި އެއްބަސްވުމުން ދައްކުވައިދެނީ ''ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ގައުމުގެ ބޮޑުބައި ހަރުދަނާ، ހޭލުންތެރި، ވިސްނުންތެރި، ބުއްދިވެރި މީހުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގައި'' ކަމަށެވެ.
''މިކަމުން ދައްކުވައި ދެނީ ގައުމުގެ ބޮޑުބައި ތިބީ އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކޮށްގެންކަން. އެމަނިކުފާނަށް ތާއީދު ދެއްވަންކަން." ކަމަށެވެ.
މި އެއްބަސްވުމަކީ ހިނގަމުންމިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ޢަދާލަތު ޕާޓީން ނިންމި ނިންމުމުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
މިގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރަކުން ވަނީ ފާސްކޮށް ކަނޑައަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!