ބަހްރޭނުގެ ދެކުނުގައި އޮންނަ ޝައިޚް ޢީސާ އެއާ ބޭސްގައި ޤާއިމުކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ރާޑަރު ނިޒާމަކަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ނަމަވެސް ބަހްރޭނުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ އެ ހަމަލާތައް ކާމިޔާބުކަމާއެކު ދިފާޢުކޮށް، ނާކާމިޔާބުކޮށްލާފައި ކަމަށް އެ ޤައުމުގެ ދައުލަތުގެ ޓީވީން ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

މި ހަމަލާއާ ގުޅިގެން ބަހްރޭނުގެ ދާޚިލީ ވުޒާރާއިން ވަނީ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ކުއްލި ނުރައްކަލުގެ އިންޒާރެއް ފޯނުތައް މެދުވެރިކޮށް ފޮނުވާފައެވެ. އެ އިންޒާރުގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ، ވީ އެންމެ އަވަހަކަށް ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ. މި އިންޒާރަށް ފަހު މާގިނައިރުތަކެއް ނުވެ، ބަހްރޭނުގެ ވައިގެ ދިފާޢީ ބާރުތަކުން އީރާނުގެ ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ބާރުގަދަ އަޑުތައް އެ ޤައުމުގެ ވެރިރަށް މަނާމާގެ އެކި ސަރަޙައްދުތަކަށް ވަނީ އިވިފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެ ޤައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ހަމަލާއަކީ އެމެރިކާގެ އަސްކަރީ ޑްރޯންތަކުން އީރާނުގެ ވައިގެ ސަރަޙައްދަށް ތަކުރާރުކޮށް ވަދެ ހިންގަމުންދާ "ޢަދާވާތްތެރި ޢަމަލުތަކަށް" ރައްދު ދިނުމުގެ ގޮތުން ދިން އަމާޒު ސީދާ ޚާއްޞަ ހަމަލާއެކެވެ.

މިއީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބަހްރޭނުގައި ހުންނަ އެމެރިކާގެ ރާޑަރު އޮނިގަނޑުތަކަށް އަމާޒުކޮށް އީރާނުން ދިން ތިންވަނަ ޑްރޯން ހަމަލާއެވެ. މީގެ ކުރިން ހިނގި ނޮވެމްބަރު 13 ވީ ހުކުރު ދުވަހާއި ނޮވެމްބަރު 15 ވީ އާދީއްތަ ދުވަހު ވެސް ބަހްރޭނުގެ އަލް ރިއްފާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިފަދަ ހަމަލާތަކެއް ދިން ކަމަށް އައިއާރްޖީސީން ބުނެފައިވާއިރު، އެ ހަމަލާތައް ވެސް ބަހްރޭނާއި އެމެރިކާގެ އަސްކަރީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ.

މުޅި ސަރަޙައްދުގެ މަސްރަޙަށް ބަލާއިރު، ބަހްރޭނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒު ޤާއިމުވެފައިވާ ޤައުމެވެ. އެހެންކަމުން ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ މައިގަނޑު އަމާޒުފަތްގަނޑަކަށް ބަހްރޭން ވަނީ ވެފައެވެ.

މި ހަމަލާތައް އިތުރަށް ވަރުގަދަވެގެން ގޮސްފައި މިވަނީ، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން ކުރިއަށްދިޔަ ސިޔާސީ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.