ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރންހަމްއަށް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސް މި ދަޢުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައެވެ.
އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީޚީގޮތުންވެސް ފެންނާން އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ޖިއޮގްރަފީ ގޮތުން ބެލިކަމުގައި ވިޔަސް، ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ، އެކަމާ މެދު ދިވެހިރާއްޖެއިން އޮތް ކަންބޮޑުވުން ރައީސްގެ ސިޓީފުޅުގައި ވަނީ އިނގިރޭސި ބޮޑުވަޒީރަށް ޙިއްޞާކުރައްވާފައެވެ.
އެ ސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން ވަނީ، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ
ރައީސް ވަނީ މީގެ ކުރީން އެކިފަހަރުމަތިން ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށްކަމުގައި ވިދާޅުވެ ވަކާލާތުކުރަށްވާފައެވެ. މިގޮތުން މިއަހަރުގެ މާރިޗް މަހު ވެސް ރައީސް ވަނީ ފޯޅަވައްސަކީ ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުރިކަމަށް ވިދާޅުވެފައެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެވެ. ރައީސް ވިދާޅުވީ ފޯޅަވަހި ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާނަމަ، އެތަން ލިބެން ޖެހޭނީ ދިވެހިރާއްޖެއަށް ކަމަށެވެ. އަދި މިހާރު ފޯޅަވަހި އޮތްގޮތަށް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން ފިޔަވައި، ދުނިޔޭގެ އެއްވެސް ޤައުމަކާ އެތަން ޙަވާލު ކުރާނަމަ، އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
"ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ގޮތުގައި އިނގިރޭސިވިލާތުން ނަން ދީފައިވާ ޗާގޯސް ޖަޒީރާތައް އޮންނަނީ އިންޑިއާ ކަނޑުގައެވެ. 19 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އެ ތަން ކޮންޓްރޯލް ކުރަމުން އަންނަނީ އިނގިރޭސިވިލާތުންނެވެ. ނަމަވެސް އެއީ ރާއްޖޭގެ ދަށުގައި ކުރިން އޮތްތަނެއްކަމުގެ ތާރީޚީ ހެކި ހުރިކަމަށް ދިވެހި ތާރީޚީ ދިރާސާވެރިން ވަނީ ތަކުރާރުކޮށް ސާބިތުކޮށްދީފައެވެ.
2025 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެފައެވެ. އެއީ އެންމެ ބޮޑު ރަށުގައި އޮންނަ އިނގިރޭސި-އެމެރިކާ ގުޅިފައިވާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑް ދައްކާ ގޮތަށެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ކޮންޓްރޯލް އޮތުމާ ރާއްޖެއިން ދެކޮޅު ހަދާއިރު، ރާއްޖެއިން ބުނަނީ އެ ޖަޒީރާތަކާ މެދު އެތައް ޤަރުނެއްވީ ތާރީޚީ ދަޢުވާތަކެއް ރާއްޖެއަށް އޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!