ފޯޅަވަހި ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ.

Ad
rt

މިކަމުގެ ހެއްކެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެވެ. ރައީސް ވިދާޅުވީ ފޯޅަވަހި ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާނަމަ، އެތަން ލިބެން ޖެހޭނީ ދިވެހިރާއްޖެއަށް ކަމަށެވެ. އަދި މިހާރު ފޯޅަވަހި އޮތްގޮތަށް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން ފިޔަވައި، ދުނިޔޭގެ އެއްވެސް ޤައުމަކާ އެތަން ޙަވާލު ކުރާނަމަ، އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ދިވެހިރާއްޖެއިން މަސައްކަތްތަކެއް ކުރެވެމުންދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެކަމާ ގުޅޭ ދެސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި، އަދި އިނގިރޭސި ބޮޑުވަޒީރާއެކު ފޯނުން މަޝްވަރާ ތަކެއް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، މިކަމާ ގުޅޭ ޑޮކިޔުމެންޓޭޝަން ތައްޔާރުކުރައްވައި ހުށަހަޅުއްވަންޖެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ. މިކަން އެމަނިކުފާނު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައެވެ.

އަނބުރާ ގެނައުމަށް ނިންމަވާފައިވާ އެ ސިޓީއަކީ ފޯޅަވަހީގެ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ދީފައިވާ އިސްތިޝާރީ ލަފަޔަކާއި ގުޅިގެން، އޭރުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވިސްނުން ބަދަލުކުރިކަން ހާމަކޮށް ފޮނުވާފައިވާ ސިޓީއެކެވެ.