ދިއްދޫ ކުރިމަގު ޖަމްޢިއްޔާއަކީ، ހއ. ދިއްދޫގައި ހަރަކާތްތެރިވާ، އަމިއްލަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ މާހިރުގެ އިސްނެންގެވުމުގެ ދަށުން އުފެއްދި މިއީ މައިގަނޑު ގޮތެއްގައި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ތަޢުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، މި ރަށުގެ ތިމާވެށި ހިމާޔަތްކޮށް، ތަޢުލީމާއި ޓެކްނޮލޮޖީއަށް މީހުން ހޭލުންތެރިކުރުވުމެވެ.
މި ޖަމްޢިއްޔާއިން އިސްނަގައިގެން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫޢުތައްވަނީ ހިންގާފައެވެ. ބައެއް މަޝްރޫޢުތަކަކީ އެ ރަށާއި، އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ މަޝްރޫޢުތަކެކެވެ. އެ ގޮތުން:
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕޭން
އެ ޖަމްޢިއްޔާގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު މަޝްރޫޢަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބަދަލުގައި، ބޭނުންކުރުމަށް ހިލޭ ބިއްލޫރި ފެންފުޅި ބެހުމުގެ މަޝްރޫޢެވެ. ކަނޑުގެ ވެއްޓަށް ޕްލާސްޓިކް ކުނި އެޅުން ހުއްޓުވުމަށްޓަކައި، ރަށުގެ މުއައްސަސާތަކަށާއި، މުދާ އުފުލާ ބޯޓުފަހަރަށާއި، ސްކޫލްތަކަށް (މާލެ ސަރަޙައްދުގެ ޣާޒީ ސްކޫލް، ލިޓްލް ލާރނަރސް ޕްރީ-ސްކޫލް އަދި އޯޓިޒަމް ސެންޓަރު ހިމެނޭހެން) މި ފުޅިތައް ވަނީ ފޯރުކޮށްދީފައެވެ.
ގއ. ވިލިނގިލި ޑަބްލިޔުޑީސީގެ މެމްބަރުން އެ ކޮމެޓީ އަށް ކުރިމަގު ޖަމިއްޔާއިން ހަދިޔާކުރި ބިއްލޫރިފުޅި އާއި ހަވާލުވުމަށްފަހު ހަނދާނީ ފިލައެއް ދެނީ، ކުރިމަގު ޖަމިއްޔާއިން އަންނަނީ ޑަބްލިޔުޑީސީތަކަށް ހާއްސަ ވެބިނާތައް ހިންގުމުގެ އިތުރުން ބިއްލޫރިފުޅި ހަދިޔާކުރުމުގެ ފުޅާ ކެމްޕޭނެއް ހިންގަމުން، ފޮޓޯ: ވިލިނގިލި ޑަބްލިޔުޑީސީ
85،000 އަށްވުރެ ގިނަ ބިއްލޫރި ފުޅި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ޖަމްޢިއްޔާއިން މިހާރުވަނީ ފޯރުކޮއްދީފައެވެ.
މި މަޝްރޫޢަށް ކޮންރެޑް މޯލްޑިވްސް، އަނަންތަރާ، ވެލާ، އަދި ވަން އެންޑް އޮންލީ ރީތި ރަށް ފަދަ ބޮޑެތި ރިސޯޓުތަކުން އެހީތެރިކަން ފޯރުކޮށްދޭކަން އެ ޖަމްޢިއްޔާއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.
ކުރިމަގު ޖަމިއްޔާއިން ހއ. ބާރަށު މުއައްސަސާތަކަށް ބިއްލޫރި ފުޅި ހަދިޔާކުރުން، ފޮޓޯ: ކުރިމަގު ޖަމިއްުޔާ
ތިމާވެއްޓާއި ގަސްއިންދުމުގެ ހަރަކާތްތައް
ދިރާގު ފަދަ ކުންފުނިތަކާއި ކްލީން މޯލްޑިވްސް ފަދަ ޤައުމީ އިދާރާތަކާ ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާއި ބިންގިރާ މައްސަލައާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން، ފުޅާ ދާއިރާއެއްގައި ގަސްއިންދުމުގެ ހަރަކާތްތައް ("ދިރާގު ގޯ ގްރީން" ފަދަ) ވަނީ މި ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންގޮސްފައެވެ. އަދި ދިއްދޫގެ އެކި ސަރަޙައްދުތަކުގައި އެތައް ހާސް ރާއްޖޭގެ ރުއްގަހާއި މޭވާ އަޅާ ގަސް އިންދުމުގެ މަސައްކަތް ވަނީ ވިލަރެސްކޮށްފައެވެ. އެ ގޮތުން ނިމިދިޔަ މިނިވަންދުވަހު ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ވެސް މި ޖަމްޢިއްޔާއިން ފަށާފައިވެއެވެ.
ދިއްދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތް ފެށުން، ފޮޓޯ: ކުރިމަގު ޖަމިއްުޔާ
އިޖުތިމާޢީ އަދި ޞިއްޙީ ޕްރޮގްރާމްތައް
މި ޖަމްޢިއްޔާއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ޤައުމީ ބޮޑެތި ކުންފުނިތަކާ ގުޅިގެން ޒުވާނުންނަށް ބޭނުންވާ ތަކެތި ސީދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން، ރަށުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނެވުމަށްޓަކައި، ކުންފުނިތަކުން ހަދިޔާކުރި ބައިސްކަލު ދިއްދޫގެ ފުރާވަރުގެ ކުދިންނަށް ބެހުމުގެ އިންތިޒާމު މި ޖަމްޢިއްޔާއިން ވަނީ ހަމަޖައްސައިދީފައެވެ.
ބީއެމްއެލްއާއި ގުޅިގެން ކުރިމަގު ޖަމިއްޔާ ދިއްދޫ ދަރިވަރުންނަށް ހަދިޔާކުރި ބައިސްކަލްތަކެއްގައި ދަރިވަރުން
އޭޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ(އތމ)ތަކާއި، ގުޅިގެން އަންހެނުން ބާރުވެރި ކުރުމުގެ ޕްރޮގްރާމްތަކެއް އެ ޖަމްޢިއްޔާއިން ހިންގާފައިވެއެވެ.
އެ ގޮތުން މުޖުތަމަޢުގެ ބޭނުންތަކަށް ޢަމަލީ ސިފަ ގެނައުމަށް، 50އަށް ވުރެ ގިނަ ބައިވެރިންނާއެކު ވެބިނާއެއް ބާއްވާފައިވެއެވެ. މީގެއިތުރުން، ބެލެނިވެރިންނަށް ޚާއްޞަކޮށް، އިންޓަނެޓްގެ ނުރައްކަލުން ދަރިން ސަލާމަތްކުރުމާބެހޭ ގިނަ ސެޝަންތަކެއް ސްކޫލްތަކުގައްޔާއި، އޮންލައިންކޮށް ބާއްވާފައިވެއެވެ.
ކުރިމަގު ޖަމިއްޔާއިން ދިއްދޫގައި ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނެއްގެ ތެރެއިން
މިޖަމްޢިއްޔާއިން ހިންގާ ކޮންމެ ޕްރޮގްރާމެއްގައި އެތައް ބައެއްގެ އެހީތެރިކަން ވާނެކަން ޔަޤީނެވެ. އެ ގޮތުން އެ ޖަމްޢިއްޔާއިން އެ ހުރިހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކޮއްފައިވެއެވެ.
ކާމިޔާބު އެތައް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާ ދިއްދޫ ކުރިމަގުގެ، ކުރިއަށް ރާވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީ ހއ ދިއްދޫގައި "ހައިވް ޑިޖިޓަލް" ސެންޓަރެއް ހުޅުވުމުގެ މަސައްކަތެވެ.
އޯސަން މޯލްޑިވްސް އާއި ގުޅިގެން ކުރިމަގު ޖަމިއްޔާ އިން ވަނީ ހއ. އޭއީސީގެ ދަރިވަރުންނަށް ފޮތި ކޮތަޅު ހަދިޔާކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައި
ރަށުގެ ރައްޔިތުންނަށް، މޯލްޑިވްސް 2.0ގެ ދަށުން ޓްރާންސްފޯމްވަމުން އަންނަ ޑިޖިޓަލް ވަޞީލަތްތަކުގެ ބޭނުން ކުރުމަށް މަގުފަހި ކޮށްދިނުމަށް، ހެދޭ މި ޑިޖިޓަލް ސެންޓަރު ވެގެން ދާނީ ދިއްދޫއަށް ލިބޭ ބޮޑު ކުރިއެރުމަކަށެވެ.
އީފާސްއަށް މީހުން ވައްދައިދީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކޮށް، ތަފާތު އެކިއެކި ޓެކްނޮލޮޖީގެ ޕްރޮގްރާމްތަކާއި، އާންމުން ހޭލުންތެރި ކުރުމުގެ ސެޝަންތައް މި ސެންޓަރުގައި ކުރިއަށް ގެންދެވޭނެއެވެ.
ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހދ. ހަނިމާދޫގައި ކުރިމަގު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ސެޝަނެއްގެ ތެރެއިން
މީގެއިތުރުން، ދިއްދޫ ކުރިމަގު ޖަމްޢިއްޔާ ރީބްރޭންޑް ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ. ރީބްރޭންޑް ކުރެވުމާއެކު، މި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް، މި ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ސަބަބަކީ ދިއްދޫ ކުރިމަގު ރީބްރޭންޑް ކުރެވިގެން އަންނާނީ "ރާއްޖެ ކުރިމަގު"ގެ ނަމުގައި ކަމަށްވާތީއެވެ.
ކުރިމަގު ޖަމިއްޔާގެ އިޖުތިމާއީ ޚިދުމަތް ފާހަގަކޮށް ހއ. އަތޮޅު ކައުންސިލުން ދިން އެވޯޑާއި ޖަމިއްޔާގެ ރައީސް މާހިރު ހަވާލުވަނީ
ހއ.އަތޮޅުގެ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ކްލަބް ޖަމްޢިއްޔާއަކަށް ހޮވި، "ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް " 2024ވަނަ އަހަރު ދިއްދޫ ކުރިމަގު ޖަމްޢިއްޔާއަށް ލިބިފައިވާއިރު، މި ޖަމްޢިއްޔާއިން ވަނީ ބެންކް އޮފް މޯލްޑިވްސްގެ ދެ ލައްކަ ރުފިޔާގެ ގްރާންޓް ޕްރޮގްރާމް ވެސް ކާމިބާޔާބުކޮއްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!