ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ.

Ad
rt

މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވުމުގެ އިތުރުން، މާތް ﷲގެ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެބައިމީހުންނަށް ލިބޭނެކަމަށް ޚުޠުބާގައި ބުންޏެވެ.

މިކަމުގެ ހެއްކެއްގެ ގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވަނީ، މާތް ﷲގެ ގެކޮޅެއްގައި ބަޔަކު އެއްވެ ޤުރްއާން ކިޔަވައި އުނގެނޭނަމަ، އެބައިމީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެ ކަމަށާއި، މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެ ކަމަށެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޤުރްއާން ތިލާވަތުކުރުމަކީ ހަށިގަނޑަށާއި ރޫޙަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ. އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅަކާ ހަވާލާދީ ޚުޠުބާގައި ބުނީ، އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ޤުރްއާނަކީ ޛިކުރުތަކުގެ އަޞްލު ކަމަށްވާތީ، އެކަމުގެ ސަބަބުން ކުރިން އުނދަގޫވާނެ ކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީޤު ލިބޭނެއެވެ.

މީގެ އިތުރުން، ޤުރްއާން ކިޔެވުމުގައި ކުޅަދާނަ މީހުންނާއި، އުނދަގުލާއެކު ކިޔަވާ މީހުންނަށް ވެސް މަތިވެރި ދަރުމަ ހުރިކަން ޚުޠުބާގައި ފާހަގަކުރިއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އުނދަގުލާއެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބިގެންވެއެވެ.

ހުރިހާ މުސްލިމުންވެސް މާތް ﷲގެ ފޮތަށް ތަޤުވާވެރިވެ، އެ ފޮތުގައި ހިފެހެއްޓުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވާއިރު، ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި، ހުރިހާ ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމުގައި ކަމަށް ޚުޠުބާގައި ހަނދާންކޮށްފަވެއެވެ.