ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. "ޢާޝޫރާ ދުވަސް" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި މަތިވެރި ދުވަސް ކަމަށެވެ.
ޢާޝޫރާ ދުވަހުގެ ތާރީޚީ ފިލާވަޅުތައް
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ މި ދުވަހުއެވެ. އެހެންކަމުން މޫސާގެފާނަށް ތަބާވީ މީހުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިއެވެ. މިފަދަ ޙާދިސާތަކުން އެނގެނީ މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމާއި، ﷲ އަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމެވެ.
ޢާޝޫރާ ދުވަހުގެ ރޯދަ
ރަސޫލުﷲ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު ޔަހޫދީން އެ ދުވަހު ރޯދަހިފާ މަންޒަރު ފެނިވަޑައިގަތުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވީ "މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ އެ ކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެން ޙަދީޘްކުރައްވައި އެކަލޭގެފާނު އެ ދުވަހު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ. ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމުގައިވެސް ޚުޠުބާގައި ބަޔާންކުރިއެވެ.
ރޯދަހިފުމުގައި ޢަމަލުކުރަންވީ ގޮތް
ޢާޝޫރާ ދުވަހު ރޯދަހިފާއިރު ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، އެ ދުވަހާއެކު އޭގެ އެއް ދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން ރޯދަހިފުމަށް ޚުޠުބާގައި އިރުޝާދު ދިނެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރޯދަހިފުމުގެ ތިން ދަރަޖައެއްވެއެވެ. އެއީ 9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފުން، ނުވަތަ 9 އަދި 10 ވަނަ ދުވަހު ރޯދަހިފުން، ނުވަތަ ހަމައެކަނި 10 ވަނަ ދުވަހު ރޯދަހިފުމެވެ.
ބިދުޢަތަކާ ދުރުހެލިވުން
މިއަދުގެ ޚުޠުބާގައި ވަނީ، ޢާޝޫރާ ދުވަހާ ގުޅުވައިގެން މީހުން އީޖާދުކޮށްފައިވާ ދީނާ ޚިލާފު ބިދުޢަތަކާއި، ހިތާމަފާޅުކުރުމުގެ ގޮތުން ކުރާ ކަންކަމާ ދުރުހެލިވުމަށް ގޮވައިލިއެވެ. ޚުޠުބާގައި ބުނީ މި ދީނުގައި ނުހިމެނޭ ކަމެއް ދީނުގެ ތެރެއަށް ވެއްދުމަކީ ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި، އެންމެހާ މުސްލިމުންވެސް ސުންނަތާ އެއްގޮތަށް ޢަމަލުކުރުމަށް ނަޞޭޙަތްތެރިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!