ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ ޚިދުމަތާ ގުޅުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފުރަތަމަ ބެޗުގެ 137 ދަރިވަރަކު، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.
މި މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، މި ޕްރޮގްރާމަކީ "އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް" ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
މި ފަހަރު ދަސްވެނިވި 137 ދަރިވަރުންނަކީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ. މިއީ ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ނިންމުމަށްފަހު، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތް އިޚްތިޔާރުކުރި ޒުވާނުންނެވެ.
ރައީސްގެ މެސެޖުގައި ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ސިފައިންގެ މަތިވެރި ޚިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައިވެއެވެ.
މި ތަމްރީނަކީ ޤައުމީ ޚިދުމަތަށް ޒުވާނުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!