މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް އެކުލަވާލާފައިވާ އެއްބަސްވުމުގެ އިބާރާތްތަކަށް އެމެރިކާއާއި އީރާނުން އެއްބަސްވެފައިވާ ކަމަށާއި، އެއްބަސްވުން ފައިނަލް ކުރުމަށް މެދުވެރިން ދެ ފަރާތާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ އެމެރިކާއާއި އީރާނުން މިހާރު ވަނީ "ފައިނަލް، އެއްބަސްވެވިފައިވާ އިބާރާތްތަކަކަށް" ވާސިލްވެފައި ކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އިސްކޮށް އުޅޭ ޕާކިސްތާނުން، ހަނގުރާމަވެރި ދެ ގައުމާއެކު ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސުލްހަ މިހާ ގާތްވި ދުވަހެއް މީގެ ކުރިން ނާދޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވިއެވެ.
މަޝްވަރާތަކަށް މި ކުރިއެރުން ލިބިފައި މިވަނީ، މި ހަފުތާގެ ތިން ދުވަހެއްގެ މަތިން އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހަމަލާތަކެއް ބަދަލުކޮށް، މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ތެރެއަށް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުމަކާ "މިހާ ގާތްވި ވަގުތެއް ނާދޭ" ކަމަށެވެ. ފާއިތުވި ހަފުތާތަކުގައި ދެ ގައުމު އޮތީ އެއްބަސްވުމެއްގެ ތުންފަތްމަތީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަރާގްޗީގެ ޕޯސްޓް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި ގުޑުވާލާފައިވާއިރު، ޕާޝިއަން ގަލްފުން ތެލާއި ގޭސް ބޭރުކުރުން ވަނީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައެވެ. އޭޕްރިލް 7 އިން ފެށިގެން އެ ސަރަހައްދުގައި އޮތީ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެކެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ނިއުކްލިއާ ތަފްސީލުތައް ހާމަކުރާނެ
އަރާގްޗީ ހުކުރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި" ހަނގުރާމަ ނިމުމަކަށް އައިކަން އިއުލާނުކުރާ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާޗް މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ދަނީ ލުބުނާނުގައި އީރާނާ ގުޅުން އޮންނަ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އިސްރާއީލު ބައިވެރިއެއް ނުވެއެވެ. އަދި އިސްރާއީލުގެ ލީޑަރުން ވިދާޅުވެފައިވަނީ ލުބުނާނުން ފޭބުމުގެ ގަސްތެއް ނެތް ކަމަށެވެ.
އަރާގްޗީ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންކަން ފައިނަލް ކުރާނީ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މުއްދަތު އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ދެބަސްވުން އުފެދިފައިވާ މައިގަނޑު އެއް ކަމެވެ. އެމެރިކާއާއި އިސްރާއީލުން ބިރުގަންނަނީ އޭގެ ސަބަބުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް މަގުފަހިވެދާނެތީއެވެ. މިއީ އެ ގައުމުތަކުގެ ލީޑަރުން ހަނގުރާމައަށް ދިއުމަށް ދެއްކި މައިގަނޑު އެއް ސަބަބެވެ. ނަމަވެސް ތެހެރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
ވައިޓް ހައުސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ނަން ހާމަނުކުރުމަށް އެދި ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވީ، އެކުލަވާލަމުންދާ އެއްބަސްވުމުގެ ދަށުން ތެހެރާނުގެ ހައިލީ އެންރިޗްޑް ޔުރޭނިއަމް ނައްތާލުމުގެ ނުވަތަ ބޭރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލިބޭ 60 ދުވަހުގެ މުއްދަތު ބޭނުންކުރާނީ ޔުރޭނިއަމް ބޭރުކުރުމުގެ ފަންނީ ތަފްސީލުތައް ނިންމުމަށް ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު އެމެރިކާގެ ހަމަލާތަކުގައި ގެއްލުން ލިބުނު ނިއުކްލިއާ ތިން ސައިޓެއްގެ އަޑީގައި ވަޅުލެވިފައިވާ ކަމަށް ބެލެވޭ މި ޔުރޭނިއަމްތައް ބޭރުކުރުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ކަމެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން، ތެލާއި ގޭސް އުފުލާ މުހިންމު މަގަކަށްވާ ހޯރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތް އޮތުމަކީވެސް މި މަޝްވަރާތަކުގައި ވަރަށް މުހިންމު ކަމެކެވެ.މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ދަތިވެ، ތެލުގެ އަގު އުފުލި، އަދި މި ސަރަހައްދުން ބޭރުގެ ގައުމުތަކުގައިވެސް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކުލަވާލަމުންދާ އެއްބަސްވުމުގައި ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭ މާއްދާތައް ހިމެނެއެވެ.
އަރަގްޗީ ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން "ދެވޭ ހިދުމަތްތަކަށް" ފީ ނެގުމުގެ ހުއްދަ ލިބޭ ފަދަ އެއްބަސްވުމެއް އީރާނުން ބޭނުންވާ ކަމަށެވެ. ހަނގުރާމައިގެ ދުވަސްވަރު އީރާނުން ވަނީ ޓޯލް ސިސްޓަމެއް ގާއިމުކޮށްފައެވެ. ނަމަވެސް އެމެރިކާއާއި އެހެން ގައުމުތަކުން ބުނާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ.
"މީގެ ތެރޭގައި ހަރަދުތަކެއް ހިމެނޭނެ،" އަރަގްޗީ ވިދާޅުވިއެވެ. "އަދި އެ ހަރަދުތައް ދައްކަންޖެހޭނެ."
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަމަލާދޭ ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ.
ސަރަހައްދީ ތިން އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކުލަވާލަމުންދާ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަރުހަލާތަކަކަށް ބަހާލައިގެން އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މާލީ މިލްކިއްޔާތުތައް ދޫކޮށްލުން ހިމެނޭނެ ކަމަށް ބެލެވެއެވެ. މަޝްވަރާތަކުގެ ނާޒުކުކަމުން މި އޮފިޝަލުން މައުލޫމާތު ދެއްވީ ނަން ހާމަނުކުރުމަށް ޝަރުތުކޮށެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި، ވޮޝިންޓަނާއި ތެހެރާނުގެ އޮފިޝަލުން މި އެއްބަސްވުން ފާސްކުރުމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭއްވޭނެ ކަމަށް އުންމީދު ކުރެވެއެވެ.
އީރާނުގެ ތެލުގެ ސިނާއަތް ހިފަހައްޓައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއް ފަހުން، ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި އިސްރާއީލުން ބައިވެރިނުވާ ކަމަށެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ބުނީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ހުރެގެން ނުވާނެ ކަމަށް އޭނާއާއި ޓްރަމްޕް "މުޅިން އެއްބަސްވާ" ކަމަށެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަކި ބަޔާނެއްގައި ބުނީ، އީރާނުގެ މިސައިލް ޕްރޮގްރާމާއި އެގައުމުގެ މަދަދުލިބޭ ޖަމާއަތްތަކުގެ ނެޓްވޯކް ބަލިކަށިކުރުން ހިމެނޭހެން، އިސްރާއީލުގެ މުހިންމު މަސްލަހަތުތައް ޓްރަމްޕް ހިމާޔަތްކޮށްދެއްވާނެ ކަމަށް އިސްރާއީލުން އުންމީދުކުރާ ކަމަށެވެ.
ކާޓްޒް އިންޒާރު ދިން ގޮތުގައި، އީރާނާ މެދު އިސްރާއީލުން އަމިއްލައަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އަދި ލުބުނާނާއި، ސީރިއާ އަދި ގާޒާގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުން އެގައުމުން ފޭބުމެއް ނެތް ކަމަށާއި، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ރެފިއުޖީ ކޭމްޕްތަކުންވެސް ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ސަރަހައްދީ އޮފިޝަލުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު ބޮޑަށް އަދާކުރީ ޕާކިސްތާނުންނެވެ. މީގައި އިސްކޮށް ހުންނެވީ އެގައުމުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު އަދި ގަތަރުގެ އެއްބާރުލުންވެސް މިކަމަށް ލިބިފައިވެއެވެ.
ޕްރައިސް ރިޕޯޓްކުރީ ވޮޝިންޓަނުންނެވެ. ބައިނަމް ރިޕޯޓްކުރީ ޖޯޖިއާގެ ސަވާނާއިންނެވެ. ބާލިންގައި ހުރި ސަހަރު އާމިރީއާއި، ގުދުސްގައި ހުރި ޖޫލިއާ ފްރެންކެލްގެ އިތުރުން ވޮޝިންޓަނުގައި ތިބި ކޮލިން ބިންކްލީ އަދި އާމިރު މަދާނީ މި ރިޕޯޓަށް މައުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!