ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކުރި 77 ޒުވާނަކު، އެ ޕްރޮގްރާމްގެ ފަންނީ ތަމްރީނުތައް ފެށުމަށްޓަކައި މިއަދު ފުރައިފިއެވެ.

މި ޒުވާނުން ފުރާފައިވަނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށެވެ.

Ad
rt

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުން ކަމަށެވެ. މި ބައިވެރިންނަށް ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުން" މި ޕްރޮގްރާމުގެ މަގްސަދާއި ގުޅޭގޮތުން ރައީސް ވިދާޅުވެފަވެއެވެ.

ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ޢިއުލާންކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.