ޕޮލެންޑުގެ ސްކޫލްތަކުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މޯބައިލް ފޯނު ބޭނުންކުރުން އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށާއި، ފާހިޝް މަންޒަރުތައް ހިމެނޭ ސައިޓްތަކަށް ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި އުމުރު ކަށަވަރުކުރުމުގެ ހަރުކަށި ގަވާއިދުތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މި ހުށަހެޅި ބިލުގެ ދަށުން އުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ސްކޫލް ވަގުތުގައާއި ބްރޭކް ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާވާނެއެވެ. އަދި ސްކޫލްތަކުގައި ފޯނުތައް ރައްކާކުރާނެ ތަންތަން ގާއިމުކުރުމުގެ ގާނޫނީ ބާރު ސްކޫލްތަކަށް ލިބިގެންދާނެއެވެ.

Ad
rt

"އަޅުގަނޑުމެން މި ހުށަހަޅަނީ ޕްރައިމަރީ ސްކޫލްތަކުގެ ކިޔަވައިދޭ ގަޑިތަކާއި ބްރޭކް ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާކުރުމަށް. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބެންޖެހޭ މުހިންމު ބާރެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ބޮޑުވަޒީރު ޓުސްކް ވިދާޅުވިއެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ޒުވާން ޖީލު އެކި ޕްލެޓްފޯމްތަކަށާއި ގޭމްތަކަށް ދެވިހިފުމަކީ ގައުމީ ފެންވަރުގެ ބޮޑު މައްސަލައެއް ކަމަށާއި، މީގެ ސަބަބުން ކުދިންގެ ދިރިއުޅުމަށާއި ގައުމަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން، ފާހިޝް މަންޒަރުތައް ހިމެނޭ ވެބްސައިޓްތަކަށް ކުޑަކުދިން ވަނުން ހުއްޓުވުމަށްޓަކައި ޑިޖިޓަލް އެފެއާޒް މިނިސްޓަރު ވަނީ ވަކި ބިލެއް ހުށަހަޅުއްވާފައެވެ.

އުމުރު ކަށަވަރުކުރުމުގެ ނިޒާމު ބިނާކުރަންވާނީ އަމިއްލައަށް އުމުރު ބުނާ ބުނުމަކަށް ނުވަތަ ބަޔޯމެޓްރިކް ޑޭޓާއަކަށް ނޫން ކަމަށާއި، އެއީ ޕްރައިވެސީއާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ނިޒާމަކަށް ވާންޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ބާބަރާ ނޮވަކާ ވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ވިސްނުންފުޅެއްވެސް ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.

ނެދަލޭންޑްސް، ދެކުނު ކޮރެއާ އަދި އިޓަލީ ފަދަ ގައުމުތަކުން މިހާރުވެސް ވަނީ ކުދިންގެ ސަމާލުކަން ކިޔެވުމަށް ދިނުމަށާއި އަހުލާގީ މައްސަލަތައް ހައްލުކުރުމަށް ސްކޫލްތަކުގައި ފޯނު މަނާކޮށްފައެވެ. ނަމަވެސް، ޓެކްނޮލޮޖީ ކުންފުނިތަކުން ބުނަމުންދަނީ ފޯނު މަނާކުރުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންކުރާ ގޮތަށް ސަމާލުކަން ދިނުން މުހިންމު ކަމަށާއި، އޭގެ ސަބަބުން ކިޔެވުމަށާއި ރައްކާތެރިކަމަށް ލިބޭ ފައިދާތައްވެސް ހުންނާނެ ކަމަށެވެ.