ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 18 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައެވެ.

Ad
rt

މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު ބަދަލަކީ އެލް.ޖީ.އޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެން ދިއުމެވެ. އަދި އޮތޯރިޓީގެ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އެ އިދާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ކަމަށްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މި ޤާނޫނުގައިވާ ގޮތުން، އޮތޯރިޓީގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވައިލައި، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައެޅުމަށްޓަކައި ވަކި މުއްދަތުތަކެއްވެސް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މި އިޞްލާޙާއެކު، ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެވި، ކުނި މެނޭޖުކުރުމުގެ ޚިދުމަތަކީ ކައުންސިލްތަކުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

މި ބަދަލަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެލް.ޖީ.އޭގެ ހިންގުން ސިވިލް ސަރވިސްގެ އުޞޫލުތަކުގެ ތެރެއިން ބައްޓަންކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.