އެމަނިކުފާނާ ބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓަރީއެއްގައި އަބުރުކަތިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ދޮގު ހަދައިގެން ޑޮކިއުމެންޓަރީ ނެރުމަކީ އެމަނިކުފާނަށް އޮތް ފައިދާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު އުޅޭގޮތާއި، ދައްކަވާ ވާހަކަ އަދި އަމަލުކުރާ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެހެން މީހަކު ބުނާ ވާހަކައަކުން ބަދަލުވާނެ ކަންކަން ނޫން ކަމަށާއި، އެމަނިކުފާނާ ގުޅޭގޮތުން ކިތަންމެ ބައިވަރު ދޮގުތަކެއް ހަދައިގެން ޑޮކިއުމެންޓްރީތައް ނެރުނަސް އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދީނީ ނަޒަރަކުން މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީހަކާ ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރައި އަބުރު ކަތިލާއިރު ކެތްތެރިކަން އިސްކުރުމަކީ ދީނުގައި ވަރަށް މަތިވެރި ސަވާބު ލިބޭ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން އެމަނިކުފާނަށް މިދުނިޔެއާއި އާޚިރަތުގައި ވެސް އޮތީ ހުސް ފައިދާ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑާއި ގުޅޭގޮތުން ކިތަންމެ ބައިވަރު ދޮގުތަކެއް ހެދިދާނެ، ކިތަންމެ ބައިވަރު ޑޮކިއުމެންޓަރީ އެއްވެސް ހެދިދާނެ، އަޅުގަނޑު ހަމަވަރަށް ބޮޑަށް އުފާވޭ އެކަހަލަކަންތައްކުރާތީ، ވަރަށްބޮޑަށް އުފާވޭ އަލްޙަމްދުލިﷲ، އެއީ ދީނުގައި އޮންނަނީ ވަރަށް މަތިވެރި އިސްކަމެއްދީފައި އެމީހަކާއި ބެހޭގޮތުން އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކަތައް ފަތުރާ އެމީހެއްގެ އަގުވައްޓާލައި އެމީހެއްގެ އަބުރު ކަތިލެވިގެންދާއިރުގައި ކެތްތެރިކަން އިސްކުރަން ވަރަށް މަތިވެރި އިސްކަމެއްދެއްވާ ވަރަށް ސަވާބުލިބިގެންދާކަމެއް އެއީ'' ރައީސް ވިދާޅުވެފަވެއެވެ.

އެމަނިކުފާނާ ބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓަރީއެއްގައި އަބުރުކަތިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، ދޮގު ހަދައިގެން ނެރުމުން ވެސް ފައިދާ އޮތީ އެމަނިކުފާނަށްކަމަށް ރައީސް ވިދާޅުވިއެވެ.

''އެހެންވީމަ އަޅުގަނޑު އުފާކުރަން އަލްޙަމްދުﷲ، އަޅުގަނޑު އެދެނީ ގިނަގިނައިން ޑޮކިއުމެންޓަރީ ހަދައިގެން ނެރެން، އަޅުގަނޑުބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓަރީއެއް އަޅުގަނޑު އަބުރުކަތިލާކަށް ނުނެރެވޭނެ ޔަގީނުންވެސް، ހުސް ދޮގު ހަދަންޖެހޭނީ، ހުސް ދޮގު ހަދައިގެން ގިނަގިނައިންނެރެންވީ އަޅުގަނޑަށް އޭގައި އޮތީ ހުސްފައިދާ، މިދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އަޅުގަނޑަށް އެކަމުން އޮތީ ހުސްފައިދާ، ''

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ގިނަގިނައިން ސަވާބު ހޯދައިދޭން ބޭނުންވާ ނަމަ، ގިނަގިނައިން އެފަދަ ޑޮކިއުމެންޓަރީތައް ހަދައިގެން ނެރުމަށް އެދޭ ކަމަށެވެ.

''ތިޔަ ބޭފުޅުން އަޅުގަނޑަށް ތިހާގިނަ ސަވާބުދެއްވަން ބޭނުންފުޅުވަންޏާ ގިނަގިނައިން ޑޮކިއުމެންޓްރީ ހައްދަވާ، އަޅުގަނޑަށް އެކަމުން ހުރިހާމޮޅެއް އޮތީ ކުރިއަށް ގެންދަވާ'' ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.