''ފުރަތަމަ ހަނިމާދޫ'' ނަމުގައި ހދ. ހަނިމާދޫ ސައިކަލް ބުރެއް މިއަދު ބާއްވައިފިއެވެ.
މި ސައިކަލް ބުރުގެ ބައިވެރިއަކު ބުނީ މިއީ، ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ބޭއްވި ސައިކަލް ބުރެއްކަމަށެވެ.
އޭނާ ބުނިގޮތުގައި އެރަށުގައި ގޯތި ދިނުމަށް ލޭންޑް ޔޫޒް ޕްލޭނުގައި މިހާރު ކަނޑައަޅާފައިވާ ތަނުން ދެވެނީ 200 ވަރަކަށް ގޯތި ކަމަށާއި، އެ ގޯތިތައް އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް (ހދ. ހިރިމަރަދޫ) ދޭން ނިންމާފައިވާތީ، ފުރަތަމަ ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް އެދި މި ހަރަކާތް ކުރިއަށް ގެންދިޔައީ ކަމަށެވެ.
''މިރަށުގައި ވެސް އެބަތިބި 500 އެއްހާ މީހުން ގޯއްޗަށް ޝަރުތުހަމަވާ، އަޅުގަނޑުމެންނަށް ވެސް ގޯތި ލިބުން އެދި މި އަޑު އުފުލީ'' އޭނާ ބުންޏެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމުގެ މަރުހަލާ
ހިރިމަރަދޫ މީހުން ފުރަތަމަ ބަދަލުވާން އެދުނީ ކ. ތުލުސްދު އަށެވެ. އެރަށު މީހުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން ޢިއުލާން ކުރީ 1 ފެބްރުއަރީ 2025 ގައެވެ.
އެއިގެ ކުރިން 2024 ވަނަ އަހަރު ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވެ އެކަމާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ހިޔާލު ހޯދުމަށް ހިރިމަރަދޫ ކައުންސިލުން ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީއާއި ގުޅިގެން ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަނިމާދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ވެސް ކުރިއެވެ. އެ ބައްދަލުވުމާއި ގުޅޭގޮތުން އެއިރު ހަނިމާދޫ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި ތަފާތު ހިޔާލުތައް އުޅުނު ނަމަވެސް ގިނަބަޔަކު ހަރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ދެކޮޅުކަމަށެވެ.
ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން 2025 ވަނަ އަހަރު މާރިޗް މަހު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވާފައެވެ. އަދި އެ ބައްދަލުވުންތައް ކާމިޔާބުކަމަށް އެއިރު ވަޒީރު ވިދާޅުވެފަވެއެވެ.
ކޮންމެ ގޯއްޗަކަށް ގޯއްޗެއްދީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިރިމަރަދޫގައި 24 އޯގަސްޓް 2025ގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީއާ ދެމެދު އެދުވަހު އެއްބަސްވުމުގައި ވަނީ ސޮއިވެސް ކޮށްފައެވެ.
ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ
އެއަށްފަހު 24 އޯގަސްޓް 2025 ގެ ނިޔަލަށް ހދ. ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް އެ އަތޮޅު ހަނިމާދޫން ގޯތި ލިބޭނެ ކަމަށާއި، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ 28 އޯގަސްޓް 2025 ގައި އެދިފައެވެ.
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް
ފާހަގަކޮށްލެވޭ ގޮތުގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!