ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް" އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

Ad
rt

ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ ގުޅޭ ގޮތުން، ރަށު ކައުންސިލުން ސަރުކާރާ އެކު އެތައް މަޝްވަރާތަކެއް ވެސް ވަނީ ބާއްވާފައެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވެ އެކަމާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ހިޔާލު ހޯދުމަށް ހިރިމަރަދޫ ކައުންސިލުން ހަނިމާދޫ ކައުންސިލަށް ފާއިތުވި އަހަރު ސިޓީ ފޮނުވާފައިވެއެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަނިމާދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފައިވެއިވެއެވެ. އެ ބައްދަލުވުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބްރައީސް ފިރާގު މުހައްމަދު ބުނީ އެ ބައްދަލުވުމުގައި ތަފާތު ހިޔާލުތައް އުޅުނު ނަމަވެސް ގިނަބަޔަކު ހަރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ދެކޮޅުކަމަށެވެ.

ފިރާގު އިތުރަށް ބުނީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ސަރުކާރުން އެއްވެސް ސިފައެއްގައި ހަނިމާދޫ ކައުންސިލާއި މަޝްވަރާކޮށްފައިނުވާކަމަށެވެ.

"ގަބޫލުކުރެވޭ ގޮތުގައި ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓް މަސައްކަތް ނިމި، އެ ހައުސިން ޔުނިޓްތަކަށް ހިރިމަރަދޫ މީހުން ބަދަލުކުރުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނީ، އެއީ ހެން ހީވަނީ ސަރުކާރުގެ ވިސްނުމަކީ" ފިރާގު ބުންޏެވެ.

ހިރިމަރަދޫ ރައްޔިތުން މާލެ ސަރަހައްދަށް ހިޖުރަކުރުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން މާލެ ސަރަހައްދަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެކަން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ވަނީ ދަންނަވާފައެވެ.