ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކުގައިވެސް ގެ އަޅައިދެވޭނެއެވެ. އަދި ގޯތީގެ ބަދަލުގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު މިހާރު ސަރުކާރުން ދެމުންދާ އަދަދަށްވުރެ އިތުރުވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
"ސަރުކާރުން އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ ރައްޔިތުންގެ ބޭނުމަށް. މި ސިޔާސަތު ކުރިއަށް ގެންދާނީ މީހުން ބަދަލުކުރާ ރަށުން މާލީ ފައިދާ ލިބޭނެ ގޮތަކަށް،" ރައީސް ވިދާޅުވިއެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމަށް ނަގާނެ 18 މަސްދުވަހުގެ މުއްދަތުގައިވެސް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!