ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށެވެ.
ވަޒީރު އިއްޔެ ހަނިމާދޫއަށް ވަޑައިގެން ހިރިމަރަދޫއާއި ހަނިމާދޫ ކައުންސިލާއި އަދި ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މި ހުރިހާ ބައްދަލުވުންތަކެއް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން ތިބީ ކެތް މަދުވެފައި ކަމަށާއި ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެކަމުގެ މަޝްވަރާތައް ފަށްޓަވައި، ސަރުކާރުން މިހާރު ވަނީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވާފައެވެ.
ހިރިމަރަދޫގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ ރައްޔިތުންގެ ތަރައްގީއާއި ހިތްހަމަޖެހުމަށް ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ ކުދިބޮޑު އެންމެން އެކަމާ ކަންބޮޑުވެއެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!