ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭ ތަންތަނަށް މަދިރިބޭސް އެޅުމުގެ ޕްރޮގްރާމެއް އެ ސިޓީގެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ދުވަސްވަރު ރަށުތެރޭގައި މަދިރި ގިނަވެފައިވާތީ މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މަދިރިބޭސް (އެބޭޓް) ހޯދާފައިވާ ކަމަށެވެ.
މިގޮތުން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަގުތަކުގެ ކާނުތަކަށާއި މަދިރި އުފެދޭނެ ކަމަށް ބެލެވޭ ތަންތަނަށް މިތަކެތި އެޅުމުގެ މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރަމުން ކައުންސިލުން ވަނީ، ގޯތިތެރޭގައި ހުރި ފެން ހަރުލާ ތަންތަން ނައްތާލުމާއި އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުމަކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައެވެ.
ކުޅުދުއްފުށީގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި މިވަނީ، ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާނެތީ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭ އިން ވަނީ މަދިރި ހެފުމުން ރައްކާތެރިވުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!