ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައެވެ.
ވުޒާރާއިން ބުނި ގޮތުގައި، ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާ މީހާގެ ހާޒިރުގައެވެ.
ގުރުއަތުލުމުގައި ބައިވެރިވާ މީހާ އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށް ވުޒާރާއިން ވަނީ އެދިފައެވެ. އަދި ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު، ހިޔާވަހި ޕޯޓަލުން ފެންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 1351 ގޯތި ވަނީ ދޫކޮށްފައެވެ. މި ގޯތިތަކުގެ ގުރުއަތުލުން ބޭއްވުމުގެ މަޤްޞަދަކީ ގޯތިތައް ލިބުނު ފަރާތްތަކަށް އެމީހުންނަށް ދޫކުރެވުނު ވަކި ނަންބަރުތައް ކަނޑައެޅުމެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި، ސަރުކާރުން ވަނީ 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!