ވަގުތު ބޭކާރު ނުކޮށް، އަހަރެން ތެދުވީމެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ވަގުތު ބަހުގެ ދޮރު ލައްޕާލުމަށްފަހު ބަސް ދުއްވާލައިފިއެވެ. އެއާއެކު، ލިލީއާއެކު ވެއްޓިދާނެތީ އަހަންނަށް މަޖުބޫރުވީ ގޮނޑީގައި އިށީންނާށެވެ. އޭރު ވެސް އަހަރެން މަސައްކަތް ކުރީ ހުސެން ފެނޭތޯއެވެ. ނަމަވެސް ބާރު ދުވެލީގައި ދިޔަ ބަސް އޭނާ ފަހަނަ އަޅާ ގޮއްސިއެވެ.
ބަހުން ފޭބި ގޮތަށް ފަސްއެނބުރި ވެސް އެ ފްލައިޓާ ދިމާލަށް އަހަރެން ބެލީމެވެ. ހީވާ ގޮތުން އެ ފްލައިޓް އޮތީ ނައްޓާލަން ތައްޔާރަށެވެ. ހުސެން އެ ދަނީ ކޮންތަނަކަށްބާވައޭ ހިތަށް އެރުމާއެކު އަހަންނަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ލިލީގެ އަތުގައި ހިފައިގެން އަހަރެން ދުރުގައި މަޑުކޮއްލީ އެންމެ ފަހު މީހަކަށް ފްލައިޓަށް އަރާށެވެ. އޭރު ވެސް އިރުއިރުކޮޅުން އަހަންނަށް ހުސެން އެރި ފްލައިޓަށް ބެލެއެވެ.
" ބުނެދީފާނަންތަ އެ ފްލައިޓް އެ ދަނީ ކޮންތަނަކަށް ކަމެއް؟" ފްލައިޓަށް އަރާ ސިޑި ކައިރީ ހުރި މުވައްޒަފެއް ގާތު އަހަރެން އަހާލީމެވެ. އެއާއެކު އޭނާ އެ ފްލައިޓަށް ބަލައިލުމަށްފަހު ހީލިއެވެ.
" އެއީ... އިފުރަށް ދާ ފްލައިޓެއް." އޭނާ ބުންޏެވެ.
އަހަރެން ހީލަމުން ބޯ ޖަހާލުމަށްފަހު އަވަސް އަވަހަށް ލިލީ ގޮވައިގެން ފްލައިޓަށް އެރީމެވެ. އޭރު އެތައް ވާހަކަތަކެއް ހިތުގައި މަސްހުނިވަމުން ދެއެވެ. ހުސެން އެ ދަނީ އޭނާގެ ރަށަށްކަން އަހަންނަށް ޔަގީނާ ގާތަށް އެނގުނެވެ. ނަމަވެސް އޭނާއާ އެކުގައި އަނބިދަރިން ނެތީމަ އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ.
ގޮނޑީގައި ހަމަޖެހިލުމަށްފަހު އަހަރެން އަވަސް އަވަހަށް ނޫރާއަށް ގުޅީ އެ ވާހަކަ ހިއްސާ ކުރުމަށެވެ.
" ހުސެން އެކަންޏޭ ދިޔައީ. އަހަންނަށް ހަމަ ވަރަށް ރީތިކޮށް އޭނަ ފެނުނޭ ނޫރާ." އަހަރެން ބުނީމެވެ.
" އޭނަ ޖަލުގައި ހުރެ، ޖޮބް ގެއްލުނީމަ ދެން ކުދިން ގޮވައިގެން ކިހިނެއް ހުސެންގެ ވައިފް އެކަނި މާލޭގައި އުޅޭނީ؟ އެހެންވެ ވެދާނެއެއްނު ރަށަށް ބަދަލުވީ ކަމަށް ވެސް. " ނޫރާގެ ވާހަކަ އަހަންނަށް ޤަބޫލު ކުރެވުނެވެ.
" ހުސެން ވެސް އެ ރަށަށް ބަދަލުވަނީތަ؟" އަހަންނަށް ސުވާލު ކުރެވުނެވެ.
" ހީވަނީ އެހެން ކަންނޭނގެ. ކުދިންނާއި އަންހެނުންނާ ދުރުގައި އެހާ ގިނަ ދުވަހު ހުންނަން ޖެހުނީމަ ހުސެން ވެސް ކިހާ ދެރަވާނެ. އެހެންވެ ސަލާމަތްވީމަ އަވަހަށް ދާނެ އެއްނު. މިހެން މި ބުނީ ތައިބާ ދެރަކުރާކަށް ނޫން އިނގޭ. އަހަރެން ބޭނުންވަނީ ތައިބާ ވެސް މި ގޮތަށް މި ކަން ޤަބޫލު ކުރަން." ނޫރާ ބުންޏެވެ.
" އަހަންނަށް ވެސް ހީވަނީ ތިހެން ކަންނޭނގެ އެ ވީ. އެކަމަކު އަދިވެސް އަހަރެން ހުސެންއާ ބައްދަލް ކުރަން ބޭނުން." އަހަރެން ބުނީމެވެ.
ފްލައިޓްގައި އިން އިރު ވެސް އަހަރެންގެ ވިސްނުން ގުޅިފައި ހުރީ ހުސެންއާއެވެ. ހުސެންއާ ބައްދަލް ވުމުގެ އުއްމީދު އަދިވެސް އެބައޮތެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން އަހަރެން އޭނާ ހޯދަން ހިތުގައި ޢަޒުމް ކަނޑައެޅީމެވެ. އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން އަހަރެން ބޭނުމެވެ.
ގެއަށް ދިޔައިރު އައިންތު ވެސް އިނީ ގެއަށް އައިހެވެ. އަހަރެމެން ފެނުމާއެކު އޭނާ ގޮސް ލިލީގެ ގައިގައި ބައްދާލިއެވެ.
" ލިލީ ނެތީމަ ވަރަށް ފޫހިވެގެން މި އުޅެނީ. އެހެންވެ ގެއަށް އަންނަން ވާއިރަށް އަވަހަށް މި އައީ." އައިންތު ބުނެލިއެވެ.
އަހަރެން ހުރީ ހިނިތުންވެލަން ވެސް ހަނދާން ނެތިފައެވެ. މޫޑު ގޯސްވެފައި ހުރުމުން އަހަރެން ހުރީ ވަރަށް ބޮޑަށް އެކަނިވެލަން ބޭނުންވެފައެވެ.
" ކާ އެއްޗެހި ހިފައިގެން އަހަރެން މި އައީ. ލިލީއަށް ކާން ދޭން ވީ އެއްނު." އަނެއްކާ ވެސް ވާހަކަ ދެއްކީ އައިންތުއެވެ.
" ފެންވަރާލައިގެން ނިކުމެފަ ކާން ދޭނީ. ފްލައިޓްގައި ވެސް ލިލީ ޖޫސް ބޮއިގެން އެ ހުރީ." އަހަރެން ހުރީ އައިންތު ފޮނުވާލަން ބޭނުން ވެފައެވެ.
" އެހެންތަ؟ އެހެންވިއްޔާ އަހަރެން ދަންތަ ލިލީ ގޮވައިގެން ގެއަށް. ތައިބާ ގުޅީމަ ގެނެސްދޭނަން." އައިންތު ބުންޏެވެ.
އަހަންނަށް އެ ވަގުތު ލިލީގެ މޫނަށް ބަލައިލެވުނެވެ.
" ދަރިފުޅު ދާނަންތަ ދައްތައާއެކު؟" އަހަރެން އެހީމެވެ.
" އާނ ދާނެ. މިހާރު ހުންނާނެ ޓޭންކަށް ވަރަށް ރީތި މަސް އަޅާފަ. ލިލީ އަންނަން ވާއިރަށް މުޖޭބޭ މަސްޓޭންކް ސާފު ވެސް ކޮއްފި." އައިންތު އެހެން ބުނުމާއެކު ލިލީއަށް ވަރަށް އުފަލުން ހެވިއްޖެއެވެ.
" ކޮއްޓަށް އާ ދޫންޏެއް ނުލައިތަ؟" އަހަރެން އެހީމެވެ.
" އާނ! ލިލީ ދޫނި ދެކެ ބިރު ގަންނާތީ އޭނަ މިހާރު ނޫޅޭ ދޫނި އާލާ ކުރާކަށް. " ލިލީ އުރާލަމުން އައިންތު ބުންޏެވެ.
" އައިންތު! އަހަރެން ގުޅާނީ ކުޑަކޮށް ރޫމް ކްލީން ކޮއްލާފަ ފޮށި ވެސް ހުސްކޮއްލާފަ. ލަސްވާނެތަ؟" އާދޭހުގެ ރާގަަކަށް އަހަރެން އެހީމެވެ.
" އަހަންނަށް ރަނގަޅީ ލަސްވި ވަރެއް. ތި ކުރާކަމެއް ކޮއްފަ ގުޅާބަލަ." އައިންތު ވާހަކަ ދެއްކީ ނިކުންނަން ހިނގައިގަންނަމުންނެވެ.
އޭނާ ދިޔުމާއެކު އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަހަރެންގެ ސިކުނޑި ވަރުބަލިވެފައިވާ ކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ހަމަ އަސްލުވެސް ހުސެން އެ ދިޔައީ ރަށަށް ބާވައެވެ؟ އޭނާގެ ދިރިއުޅުމުގެ ހާލަތަކީ ކޮބައިބާވައެވެ؟ ބައެއް ސުވާލުތަކުން އަހަންނަށް އުނދަގޫވާން ފެށިއެވެ. ހުސެންގެ ހާލެއް ބަލައިލާ ހިތުން އަހަރެންގެ ހިތް އުދާސްވާން ފެށިއެވެ. އޭނާގެ ރަށުގައި އަހަރެން ދަންނަ އެކަކު ވެސް ނެތެވެ. އެ ރަށު މީހަކު ވެސް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް އެ ރަށު މީހަކު ކޮންމެހެން ވެސް އަހަރެން ހޯދަން އެބަޖެހެޔޭ ހިތަށް އެރިއެވެ. އެ ފަދަ ވިސްނުންތަކެއްގައި ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.
ކޮންމެ ދުވަހެއް ވެސް ނިމިގެން ދަނީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ. ހުރިހާ ކަމެއްގައި ވެސް އަހަންނަށް އެހީތެރިކަން ފޯރުކޮއްދެމުން ދާ ނޫރާއަކަށް ވެސް ހުސެންގެ ރަށުގެ އެއްވެސް މީހަކު ނުހޯދުނެވެ. އަހަންނަށް ހުސެންއާ ބެހޭ އިތުރު އެއްވެސް ހަބަރެއް ވެސް ނުހޯދުނެވެ. މަޔޫސްވުން އިތުރުވެ، އަހަންނަށް ބަދަލުތަކެއް އަންނަން ފަށައިފިކަން އިހްސާސް ކުރެވެން ފެށިއެވެ. ހުސެންއާ ނުލާ އެހާ ގިނަ ދުވަސްތަކެއް ހޭދަ ކުރި އިރު ވެސް އަހަންނަށް މިހާ ވަރެއް ނުވެއެވެ. ހުރިހާ ވެސް މައްސަލައަކީ މިނެޓަކަށް ނަމަވެސް އަހަންނަށް އޭނާ ފެނުމެވެ. އޭނާ ނުފެނުނު ނަމަ އަދިވެސް އުފަލުން އިންތިޒާރު ކުރީމުހެވެ. އެ ދުވަހު އަހަންނަށް ހުސެން ފެނުމަކީ އަހަރެންގެ ހިތަށް ލިބުނު އިތުރު ތަކުލީފެކެވެ. ކޮންމެ ދުވަހަކު އަހަރެންގެ ލޮލުތެރެއިން އެ މަންޒަރު އަހަރެން ބަލަމެވެ. ބައެއް ފަހަރު ކެތްކުރަން އުނދަގޫވެއެވެ. ދުވެފައި ފަހަތުން ދެވުނުނަމައޭ ހިތަށް އެރިއެވެ. އޭނާއަށް ވެސް އަހަރެން ދުރު ނުކުރެވޭނެހާ ބާރަށް ބައްދާލެވުނުނަމައޭ ހިތަށް އެރިއެވެ.
މަތިން ފެންނަން އޮތް އުޑާ ދިމާލަށް ބަލަހައްޓައިގެން އަހަރެން އޮތީ އެ ފަދަ ހިޔާލުތަކެއްގައެވެ. އޭރު ރޭގަނޑު ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ. އާދައިގެ މަތިން ކޮންމެ ރެޔަކު ވެސް ނިދަން ވަންދެން އަހަރެން އޮންނަނީ ބޭރު ޖޯލިފަތީގައެވެ. ވިސްނުމާއި ފިކުރު ގުޅިފައި ވަނީ ހަމައެކަނި ހުސެންއާއެވެ. އޭނާގެ ހަނދާންތަކާއި ހިޔާލްތަކަކީ އަހަރެންގެ ހިތުގެ ކާނާއެވެ. ހަށިގަނޑުގެ އަރާމެވެ. އަދި ސިކުނޑިއަށް ލިބޭ ލުޔެވެ.
ކުއްލިއަކަށް އަހަރެން ސިހުނީ އުނގުމަތީގައި އޮތް ފޯން ރިންގްވާން ފެށި އަޑަށެވެ.
" އަދިވެސް ގެއަށް ނުވަންނަންތަ؟" ނޫރާ އެހިއެވެ.
" ހޫމް. ނިދިގެން ވެއްޓޭވަރު ވީމައޭ ވަންނަނީ. ރޫމްގައި އޮތަސް ފޫއްސޭ ވަނީ. ގުޅާލާނެ، ވާހަކަ ދައްކާލާނެ މީހަކު ނުހުރެޔޭ." އަހަރެން ބުނީމެވެ.
" ތައިބާ ދެން ބިޓެއް ނަގަން ވީނު." ނޫރާ ހިޔާލް ދިނެވެ.
" އައްޗި. ބިޓެކޭ؟ ނޯ! " އަހަރެން އަވަސް އަވަހަށް ބުނީމެވެ.
" މަށަށް އެނގެޔޭ އައްޗިއޭކަން ބުނާނީ. އެކަމަކު ވެސް ތައިބާއަށް އެނގެއެއްނު ދުވަހަކުވެސް ހުސެން ނުލިބޭނެކަން. ހުސެންއާއެކު އެއްވެސް މުސްތަޤްބަލެއް ނެތްކަން އެނގޭއިރު ކީއްވެތަ ތިހާވަރު ތި ވަނީ؟ " ނޫރާ ބުންޏެވެ.
" އަހަރެންގެ ހަޔާތަށް ހުސެން ގެންނާކަށް އަހަރެން ނޫޅެމެއްނު. އަހަރެން މި އިންތިޒާރު ކުރަނީ އެ ދުވަހަކަށް ނޫނޭ! އެ ދިރިއުޅުން ހަލާކުކޮއްފައި އަހަރެން އޭނައެއް ނުހޯދާނަން. އެކަމަކު އޭގެ މާނައަކީ އަހަރެން ހުސެންދެކެ ލޯބި ނުވަނީކީ ނޫން. ލޯބި ވިޔަސް... ބޭނުމެއް ނޫން." އަހަރެން ބުނީމެވެ.
" ހަމަ ތައިބާތަ ތިހެން ތި ބުނީ؟ ކީއްވެ ހިޔާލު ބަދަލުވީ؟" ނޫރާގެ ސުވާލުތަކުން އަހަންނަށް އިތުރަށް ވީ އުނދަގުލެވެ.
" ނޫރާއެއްނު ބުނީ ހުސެން އެ ދިޔައީ އޭނަގެ ވައިފް ކައިރިއަށޭ. ހިޔާލު ބަދަލު ނުކޮށް ކިހިނެއް ދެން އަހަރެން އުޅެނީ؟" އަހަންނަށް ބުނެވުނީ މާޔޫސީ ރާގެއްގައެވެ.
" މަ ބުނީ އެހެން ވެސް ވެދާނެޔޭ. އެކަމަކު ވެސް އޯކޭއޭ. ތައިބާ ޖެހޭނީ ތިހެން ވިސްނަން. ބަރާބަރު ހަމަ! ދެން ކޮންމެވެސް އެހެން މީހަކާ ވާހަކަ ދައްކަން ފެށީމަ ހުސެން މަތިން ހަނދާން ނެތިދާނެ." ނޫރާ ބުންޏެވެ. އޭނާގެ އެ ޖުމްލަތަކުން އަހަރެން ހިނިވެސް އައެވެ.
" އެހެން މީހަކާ؟ އަހަރެން؟ " އަހަރެން އެހީމެވެ.
" އާނ! ޒިޔާދާއެކު އުޅެމުން ދޯ ހުސެންދެކެ ލޯބި ވީ ވެސް؟ ދެން އެހެންވީމަ އަނެއްކާ އެހެން މީހެއް ދެކެ ވެސް ލޯބި ވެވިދާނެ އެއްނު." ނޫރާ މި ފަހަރު ބުނި ވާހަކައިން އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އަދި ރައްދެއް ނުދީ ހުންނަ ހިތް ވެސް ނުވިއެވެ.
" އަހަރެންގެ ހުރިހާ އެއްޗެއް ހުރިހާ ކަމެއް އެންމެ ރަނގަޅަށް ނޫރާއަށް އެނގޭނެ. ކީއްވެ ތިހެން ތި ކިޔަނީ؟ އަހަރެން ފަހުން ފަހުން އައިސް ޒިޔާދުދެކެ ލޯތްބެއް ނުވެއޭ ބުނީމެއްނު. އަދި އޭނަ މަތިން ވަރަށް ފޫހިވެފައި ހުއްޓައެއްނު ހުސެން ދިމާވީ ވެސް. ޒިޔާދުގެ ފަރާތުން ނުލިބޭ އަޅާލުމާއި އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ސިފަ އަހަންނަށް ހުސެންގެ ފަރާތުން ފެނުނޭ. އަހަރެން ބުނީމެއްނު ޒިޔާދުދެކެ ވެސް އަހަންނަށް ނުވެވޭހާ ލޯބި، ހުސެންދެކެ ވެވުނޭ. އެ ލޯބިން އަހަރެންގެ ހިތް އޮތީ ފުރިފައޭ ނޫރާ. ދެން އިތުރު މީހަކަށް ހިތުން ދެވޭނެ ޖާގައެއް ނެތް. އެހެން ނޫނަސް އަހަރެންގެ ހިތުގައި މުޅި އުމުރަށް އެ ލޯބި ރައްކާކޮއްފައި އޮތީ." އަހަރެން ކިޔައިދިނީމެވެ.
" ހުސެން ވެސް ތައިބާ ދެކެ ހަމަ ތިހާ ލޯބިވިތަ؟ އެއްވެސް އިރަކު؟" ނޫރާގެ ސުވާލުން އަހަރެންގެ ދުލުގައި ތަޅު އެޅުވުނު ކަހަލައެވެ. ދެ ފަހަރަކު ހިންދިރުވާލެވުނެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. މަޑުމަޑުން ދެ ލޯ މަރާލުމާއެކު އަހަންނަށް މާ ނޭވާއެއް ދޫކޮއްލެވުނީ އެ ލޯބި އިހްސާސްވުމުންނެވެ.
" ބުނެބަލަ! " ނޫރާގެ އަޑަށް އަހަންނަށް ލޯ ހުޅުވާލެވުނެވެ.
" ނޭނގެ! ލޯބިވެޔޭ ނުބުނޭ ދުވަހަކު ވެސް." މަޑުމަޑުން އަހަރެންގެ ތުންފަތް ހަރަކާތްކޮއްލީމެވެ.
" ދެން؟ އޭނަ ލޯބިވާކަމަށް ހީކޮށްގެންތަ ތައިބާ އޭނައާ ހެދި ތި އުޅެނީ؟ ފިރިހެނުން އުޅޭނީ އެހެންނޭ. ކިހިނެއް އެނގެނީ އޭނާގެ ލައިފްގައި ތި ކަހަލަ ކިތައް އަންހެންކުދިން ކަމެއް ތިބީ؟ ދޮގު ހެދިޔަސް ތައިބާއަކަށް ނޭނގޭނެ." ނޫރާ ބުންޏެވެ. އެ ޖުމްލައިން އިތުރަށް އަހަރެން ހިތްހަމަ ނުޖެހުނެވެ.
" ހުސެން އަހަންނަކަށް ދޮގެއް ނަހަދާނެ. އަދި އަހަރެން ފިޔަވައި މިހެން ، އިތުރު އަންހެނަކު ވެސް އޭނަގެ ލައިފްގައެއް ނުހުންނާނެ! ތިހެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ބިރެއް ނުގަނޭ! އެނގޭތަ؟ އެއީ އެހެން މީހުންނާ ހާދަ ތަފާތު މީހެކޭ. ކިތަންމެ ކުޑަ ދުވަސްކޮޅަކުން ވެސް މީހަކު ދަސްވެދާނެ އެއްނު. އަހަންނަށް ހުސެން އެނގޭ ވަރަށް ބޮޑަށް، ހުސެންއަށް އަހަރެން އެނގޭނެ. އަހަރެމެން ދެ މީހުން ނުފެނި، ބައްދަލު ނުވެ، ދިމާނުވެ ކިތަންމެ ދުވަހެއް ވަންދެން ތިއްބަސް ހުސެންއަށް އެނގޭނެ އަހަރެން އޭނަ މަތިން ވަރަށް ބޮޑަށް މިސްވާނެކަން." އަހަރެން ބުނީމެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!