ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވެ ކުމުންދޫގެ ބީޗް ސިޓީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ.

ބީޗު ސިޓީ ފައިނަލަށް ދަތުރުކުރީ ރޭ ނައިވާދޫގައި ކުޅެވުނު ސެމީގެ މެޗުގައި 2-0 އިން ކުޅުދުއްފުށީ ސިޓީގެ މަގުލަސްކްލަބް ބަލިކޮށްގެންނެވެ.

Ad
rt

މި މެޗުގައި ކުމުންދޫ ބީޗު ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ނެގި ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޖާޒީ ނަންބަރު 7 އަލީ ހަސަން އެވެ.

މި މެޗުގައި ކުމުންދޫގެ ދެވަނަ ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ކުމުންދޫގެ ޖާޒީ ނަންބަރު 30 އަހްމަދު ހުސާމްއެވެ.

މި މެޗާއެކު "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ ދެ ޑިވިޜަންގެ ފައިނަލްގައި ކުޅޭ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މިގޮތުން އަންހެން ޑިވިޜަންގެ ފައިނަލްގައި ވާދަކުރާނީ ކުމުންދޫގެ ކުމުންދޫ ސްޕޯޓްސް ކްލަބާއި ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ފިރިހެން ޑިވިޜަންގެ ފައިނަލްގައި ކުމުންދޫ ބީޗު ސިޓީ އާއި ވާދަކުރާނީ ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބެވެ.

ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވިއެވެ.

ހދ. އަތޮޅު ކައުންސިލުން ވަނީ މިދިޔަ ސެޕްޓެމްބަރުގައި ނައިވާދޫގައި "ތިލަދެކުނު ވޮލީ މުބާރާތް 2025" ބާއްވާފައެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަނަކީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ. އަންހެން ޗެމްޕިއަނަކީ ހަނިމާދޫ ސާއްބައެވެ. ފިރިހެން ފައިނަލްގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ބައްދަލުކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަންހެން ފައިނަލްގައި ހަނިމާދޫ ސާއްބަ އާއި ވާދަކޮށްފައި ވަނީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް އެވެ.