މާދަމާ ކަންވާނެ ގޮތް އެނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންނަށް ކުރެވޭނީ އުއްމީދެވެ. ފްލައިޓަށް އަރަން ދިޔައިރު ވެސް އަހަރެންގެ މާދަމާއާމެދު ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުންދެއެވެ.

އަހަރެމެން ބަލައި އައިސް ހުރީ ނޫރާގެ ފިރިމީހާ އަޔާޒްގެ ރައްޓެއްސެކެވެ. އަހަރެން ފެނުމާއެކު އޭނާ ބާރުބާރަށް ހިނގާފައި އައިސް ހިނިތުންވުމާއެކު ވާހަކަ ދައްކަން ފެށިއެވެ.

Ad
rt

" ތައިބާ ދޯ؟ ކުޑަ އަންހެން ކުއްޖަކު ގޮވައިގެންނޭ ބުނީމަ މި ހުންނަނީ ބަލަން ވެގެން. ދީ އަހަރެންގެ އަތަށް ޓްރޮލީ. " އޭނާ ބުންޏެވެ.

ފްލައިޓްގައި ލިލީއަށް ނިދުމުގެ ސަބަބުން އޭރު ލިލީ ވެސް ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. އާ ތަނަކަށް އާދެވުނީމަ ކޮންމެވެސް ވަރަކަށް އުފަލުން ހުރިހެން ވެސް އަހަންނަށް ހީވިއެވެ. އޭނާގެ ފަހަތުން ގޮސް ކާރަށް އެރި އިރު ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ވެރިވެފައިވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެކެވެ.

" މި ރަށުގައި އުޅެން ވަރަށް ފަސޭހަ ވާނެ. އަހަރެންގެ ގެ ހުންނާނީ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް ދުރުގައި. އެކަމުގެ ސަބަބުން ކުޑަ އުނދަގުލެއް ވާނެ ދޯ ޝޮޕިންއަށް ދާން. އަހަރެންގެ ވައިފްއާ ފްރެންޑްވީމަ ވަރަށް ފަސޭހަ ވާނެ ތައިބާއަށް އުޅެން. އޭނަ އެހީތެރިވެދޭނެ ހުރިހާ ކަމެއްގައި ވެސް." ކާރު ދުއްވަން އިނދެ އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

ލުއި ހިނިތުންވުމަކުން އަހަރެން ފުއްދާލީމެވެ. އޭނަ އެހާ ވާހަކަ ދައްކާތީ އަހަރެން އިނީ ކުޑަކޮށް ބޮލަށް ވެސް އުނދަގޫވެފައެވެ.

" ދެން ތަނަކަށް ދާން ބޭނުންވަންޏާ އަހަންނަށް ގުޅާލާ! ނަންބަރު ކިޔާލަންތަ؟" އޭނާ ބުންޏެވެ.

ނޫނެކޭ ބުނަން ނުކެރިގެން އަހަރެން ފޯނު ނެގުމާއެކު އޭނާ ނަންބަރު ކިޔާލިއެވެ.

" ނަމަކަށް ޖަހާ މުޖޭ." އޭނާ ބުންޏެވެ.

އަހަރެން އެ ނަންބަރު ސޭވް ކުރީމެވެ. އެއީ ކަމަކު ޖެހުނަސް، މި ވަގުތު އޭނާ ނޫން އިތުރު މީހަކު ނެތީމައެވެ.

ކާރު މަޑުކޮއްލުމާއެކު ލިލީ ގޮވައިގެން އަހަރެން ފޭބީމެވެ. ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހުއްޓައިގެން ހުއްޓާ، ކުއްލިއަކަށް އަހަރެންގެ ކަންފަތުގައި މުޖޭގެ އަޑު ޖެހުނެވެ.

" މިއީ އަހަރެންގެ ދައްތައެއްގެ ގެއެއް. އެ މީހުން އުޅެނީ މިހާރު މާލޭގައި. މި ތަން މިހެން ހުރެގެން ހަލާކުވެދާތީ އުޅޭނެ މީހަކު ނުވެގެން އަހަރެމެން ވެސް ތިބީ. ރަށްރަށުގައި ދެން ވަރަށް ކުއްޔަށް ނޫޅޭނެތާ. " އޭނާ ބުންޏެވެ.

ދެ އަތުން ދެ ފޮށި ހިފައިގެން މުޖޭ ގޮސް ގޭ ދޮރުމަތީ ހުއްޓުނު އިރު ވެސް އަހަންނަށް ހުރެވުނީ މާ ދުރުގައެވެ.

" މަންމީ! ކޮއްކޮ ބޭނުން ކާން." ލިލީ ބުންޏެވެ.

" ކާން؟ ދަރިފުޅޫ! ފޮށީގައި ހުންނާނެ ނޫރާ ދައްތަ އަޅާފައި ހުރި ޕެކެޓްސް ވެސް. ހިނގާ ގެއަށް ވަދެފައި އަވަހަށް އެއްޗެއް ބޯލަން." އަހަރެން ބުނީމެވެ.

އޭރު ގެއަށް ފޮށިތައް ވައްދާފައި ބާރުބާރަށް މުޖޭ އަހަރެމެންނާ ދިމާލަށް އަންނަތަން ފެނުނެވެ.

" ހިނގާ އަހަރެންގެ ގެއަށް ދާން. އަންހެނުން އެބަހުރި ކައްކާފައި. ކުޑަކުއްޖަކު ހުރި ވާހަކަ ބުނީމަ އެ މަންޖެއަށް ވެސް ހުރި ކޮންމެވެސް އެއްޗެއް ހަދާފައި." އަހަރެމެންގެ ކުރިމަތީގައި ހުއްޓުމަށްފަހު އޭނާ ބުންޏެވެ.

އެ ވަގުތު އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެމެންނާމެދު އެހާ އޯގާތެރި ބަޔަކު ތިބިކަން އެނގުމުން އުފާ ވެސް ވިއެވެ. ލިލީ ގޮވައިގެން އަނެއްކާ ވެސް އަހަރެން މުޖޭގެ ފަހަތުން ގޮސް ކާރަށް އެރީމެވެ.

މުޖޭގެ އަންހެނުންނާ ދިމާވުމުން ހަގީގަތުގައި ވެސް އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އޭނާއަކީ ވެސް މުޖޭ ފަދަ ހިތްހެޔޮ މީހެއްކަން އެނގުނެވެ.

" އަޔާޒް ގުޅާފައި ބުނި ވަރަށް ރަނގަޅަށް ބަލައްޗޭ. ނޫރާގެ ބެސްޓްފްރެންޑޭވެސް ބުނި ދޯ މުޖޭ." ލިލީއަށް ފެންތައްޓެއް ދެމުން މުޖޭގެ އަންހެނުން އައިންތު ބުންޏެވެ.

" ވަރަށް އުފާވެއްޖެ ތިހާ ރަނގަޅު ބަޔަކު ދިމާވީމަ." އަހަރެން ބުނީމެވެ. އިތުރަށް ދައްކާނެ ވާހަކައެއް ވެސް އަހަންނަކަށް ނޭނގުނެވެ. ކައި ނިމިގެން ކުޑަ އިރުކޮޅަކު މަޑުކޮއްލުމަށްފަހު ގެއަށް އައީ ހިތްހަމަ ޖެހިގެންނެވެ. ލިލީ ވެސް ހުރީ އުފަލުންކަން އަހަންނަށް އެނގުނެވެ.

ގެއަށް އައިސް ލިލީ ނިންދަވާލި އިރު ހުރީ ވަރަށް ބޮޑަށް ދަންވެފައެވެ. އަހަރެން ވެސް ހުރީ ނުހަނު ވަރުބަލިވެފައެވެ. ނަމަވެސް ފޮށީގައި ހުރި އެއްޗެހި ހުސްނުކޮށް ނިދާހިތެއް ނުވިއެވެ. ހުރިހާ މަސައްކަތެއްކޮށް ނިމުނު އިރު ފަތިސް ވެއްޖެއެވެ. އެހެންކަމުން ފެންވަރައިގެން ނަމާދުކޮއްލަން އަހަރެން އަވަސްވެ ގަތީމެވެ. އޭރު ލޮލަށް ބަރުވެ، ނިދި ސަވާރުވަން ފަށައިފިއެވެ.

ދުވަސްތައް ފާއިތުވަމުންދާލެއް ނުހަނު ލަހެވެ. ކޮންމެ ދުވަހަކީ ވެސް އަހަންނަށް ފޫހި ދުވަހެކެވެ. މި ރަށު ސްކޫލަށް ލިލީ ވައްދައިގެން، އިތުރު ޒިންމާތަކެއް އަހަރެންގެ ކޮނޑުގައި އެޅުނެވެ. ލިލީގެ ކިޔެވުން ފެށުމާއެކު، އަހަންނަށް އިތުރު ރަޙްމަތްތެރިން ވެސް ލިބިއްޖެއެވެ. ދެކެފަރިތަ މީހުން ގިނަވާން ފެށިއެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ވަރަަކަށް އަހަރެންގެ އެކަނިވެރިކަން ފިލަން ފެށިއެވެ.

މިހާރަކަށް އައިސް އެންމެ ބޮޑަށް ވިސްނަން ޖެހެނީ ފައިސާގެ ކަންކަމުގައެވެ. އިތުރަށް ފައިސާ ހޯދާނެ ގޮތެއް އަހަރެން ވިސްނަން ފެށީމެވެ. އެހެންވެ، އައިންތު ކައިރީ އަހަރެން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރީމެވެ.

" ކޭކު އަޅަން ފަށައިފިއްޔާ މި ރަށުގައި ވިކޭނެތަ؟ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއްވީމަ." އަހަރެން ބުނީމެވެ.

" ވިކޭނެހޭ؟ ކުރަން ފަށަންވީނު. މި ރަށުގެ ފިހާރަތަކަށް ލައިފައި ހުންނަ އެއްޗެހި އެހާ ނުބައި. އެކަަމަކު ވެސް ވިކޭ. އަހަރެންގެ ފުލް ސަޕޯޓް ލިބޭނެ. މުޖޭ ހިނގައިދާނެ ތި ވިއްކަން ވެސް. " ހެމުން ހެމުން އައިންތު ބުންޏެވެ.

އަހަރެންގެ އުއްމީދުތައް އެ ހިސާބުން އާވެއްޖެއެވެ. ލަސްނުކޮށް އެ މަސައްކަތްކުރަން ފަށަން ބޭނުންވިއެވެ. އަތުގައި ހުރި ފައިސާތައް ހުސްވުމުގެ ކުރިން މަސައްކަތެއް ފަށަން ޖެހޭނެކަން އަހަރެން ގަބޫލު ކުރަމެވެ. ސަބަބަކީ އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވާތީއެވެ.

ރޭގަނޑުގެ ހިމޭން ވަގުތެވެ. ލިލީ ނިންދަވާފައި ބޭރަށް ނިކުމެ، ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނދެލީމެވެ. އޭރު ސާދަވިލޭރޭގެ ރީތި ހަނދު އޭގެ ފުރިހަމަކަމުގައި ބަބުޅަމުން ދެއެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އެ ހަނދާ ދިމާލަށެވެ. ބޭއިހްތިޔާރުގައި ހިނިތުންވެލެވުނީ އަހަރެންގެ ހިތުގައި ރައްކާކޮއްފައި އޮތް ހުސެންގެ ލޯބި އާވާން ފެށުމުންނެވެ. ހުސެން މަތިން ހަނދާންވާން ފެށުމުންނެވެ. އަހަރެމެން ދެ މީހުންގެ ލޯބި، ފެށިގެން އައި ދުވަސްވަރު، ހުސެން އަބަދުވެސް އަހަންނަށް ހަނދުގެ ފޮޓޯ ސްނެޕް ކުރިއެވެ. އޭނާ ދުލުން ހާމަ ނުކުރިޔަސް، އަހަރެން އޭރު ވެސް ޤަބޫލު ކުރީ އަހަންނަކީ އޭނާގެ ހަނދެއްފަދަ ބައިވެރިޔާ ކަމުގައެވެ. ނުސީދާކޮށް ހުސެން، އަހަރެންގެ ހިތަށް އެފަދަ އެތައް ތީރެއް ފޮނުވިއެވެ. ކޮންމެ ތީރެއް ވެސް އައިސް ހެރެނީ ސީދާ އަހަރެންގެ މެޔަށެވެ. މިހާރު އެ ރިހުމުގެ ސަބަބުން ވޭން އަޅަމުންދަނީ އަހަރެންގެ ނިކަމެތި ހިތުގައެވެ.

ފުން ނޭވާއެއް ދޫކޮއްލެވުނު ނަމަވެސް ހަށިގަނޑުގައިވާ ވަރުބަލިކަން ފިލައިގެން ނުދެއެވެ. ޖެހެމުންދާ ތެތްފިނި ވައިން އަހަރެންގެ ހަށިގަނޑު ފިނިވާން ފަށައިފިއެވެ. ދެ ލޯ މަރާލެވުމާއެކު އާ ޖަޒްބާތުތަކެއް އުފެދި، އިހްސާސްތައް އަހަރެންގެ ހިތާ ކުޅެން ފަށައިފިއެވެ. ހީވަނީ ހުސެން ފެންނަ ހެންނެވެ. އޭނާ އައިސް އަހަރެންގެ ގައިގައި ބައްދާލަފާނެހެންނެވެ. މަޑުމަޑުން އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާ ނިތްކުރިއަށް ބޮސްދޭ ހެންނެވެ. އެއާއެކު އަހަރެންގެ ދެ ތުންފަތް ތެޅިލިއެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރެއިން އަހަންނަށް އެ މަންޒަރުތައް ސިފަވާން ފެށިއެވެ. ހުސެން އަހަރެން ކައިރިކޮއްލާ ގޮތެވެ. އޭނާގެ ދެ އަތުން އަހަރެން ހަށިގަނޑުގައި އަތް ހިންގާލާ ގޮތެވެ. ލަދުން ހުރެމެ ވެސް ހުސެންގެ ލޮލާއި އަހަރެންގެ ލޯ ސީދާވާ ކޮންމެ ފަހަރަކު އަހަންނަށް ކެތްކުރަން އުނދަގޫވެއެވެ. ހުސެންގެ ހިތުގައި އަހަންނަަށްޓަކައިވާ ލޯބި، އެ ދެ ލޮލުން އަހަންނަށް ފެނުނެވެ. އެއީ ޒިޔާދުގެ ލޮލުން އަހަރެން ދުވަހަކު ވެސް އެ ލޯތްބެއް ނުދެކެމެވެ. އަހަންނަށް ހުސެން ހާއްސަވަނީ އެހެންވެއެވެ.

ކުއްލިއަކަށް ދެ ލޯ ހުޅުވާލެވުނީ ކަރުނައިން ތެމިގެންނެވެ. އެހެން ރޭރެޔޭ ހިލާފަށް މިރޭ އަހަރެން ހުސެން މަތިން މާ ބޮޑަށް ހަނދާންވެއްޖެއެވެ. ވާހަކަ ދައްކާލާ ހިތުން ކެތްމަދުވާން ފަށައިފިއެވެ. ހުސެންއާ ދާދި ގާތުގައި ހުރެލާ ހިތުން، އުނދަގޫވާން ފަށައިފިއެވެ. ހުސެން ނުފެނި، އަދި އޭނާގެ އެއްވެސް ހަބަރެއް ވެސް ނުލިބި މިހެން އުޅޭތާ އަހަރު ދުވަސް ވަނީއެވެ. ޒިޔާދުއަށް ފިލައިގެން އުޅެވޭތީ ހިތްހަމަ ޖެހުނަސް، ހުސެންއާ ދުރުގައި އުޅެން ޖެހޭތީ އަހަރެން ހިތް މިހާރު އޮތީ ހަލާކުވެފައެވެ.

އުނގުގައި އޮތް ފޯނު ނަގައި ފޭސްބުކްއަށް ވަދެލީ، ހިތުގައިވާ އުނދަގޫތައް ފިލުވާލުމަށް، ވިސްނުންތަކާ ދުރުވެލާށެވެ. ނަމަވެސް އެންމެ ފުރަތަމަ ފެނުނު ހަބަރުން އަހަންނަށް ތެޅިގަނެވުނެވެ. އޭގައި އޮތީ ޒިޔާދާއި އޭނާގެ ބޮސްގެ އިތުރުން އިތުރު ދެ އަންހެނަކު މަސްތުވާތަކެއްޗާއެކު ބަންދުކުރި ވާހަކައެވެ. އިތުރު އެއްވެސް ތަފްސީލެއް ނެތެވެ. އަހަރެން އެ ސުރުހީ އެތައް ފަހަރަކު ކީމެވެ. އޭރު ބާރުބާރަށް ހިތް ތެޅެމުން ދެއެވެ.

ފޯނަށް ބަލަހައްޓައިގެން އިންދާ ނޫރާގެ ކޯލް އައުމާއެކު އަހަރެން އަވަސް އަވަހަށް ނެގީމެވެ. ނޫރާ ވެސް އެ ގުޅީ، އެ ހަބަރު ލިބިގެންކަން އަހަންނަށް ޔަގީނެވެ. އޭނާއަށް ފަހަރެއްގައި ވެސް މައުލޫމާތެއް ލިބިދާނެކަމުގެ އުއްމީދު އަހަރެންގެ އޮތެވެ.

" ފެނިއްޖެ ދޯ؟" ފޯނު ނެގުމާއެކު ނޫރާ ބުންޏެވެ.

" އަޔާޒް ކައިރީ އަހާބަ އެކަމުގެ އިތުރު މައުލުމާތެއް ނުލިބޭތޯ." އަހަރެން އެހީމެވެ.

" ހަމަޖެހިބަލަ! ތި ހަބަރަށް ނާރަނީސް އަޔާޒް މަށަށް ތި ވާހަކަ ކިޔައިދީފިއޭ. އޭނަ ނުބުނާށޯ ބުނީމަ މަޑު މިކުރީ ވެސް." ނޫރާ ބުންޏެވެ.

އޭރު ވެސް އަހަރެން ހުރީ ވާނުވާ އެނގެން ބޭނުންވެގެން ކެތްމަދުވެފައެވެ.

" ޔޫ ބުނީމެއްނު ޒިޔާދުގެ ބޮސްއެކޭ ކިޔައިގެން. އަޔާ ބުނީ އެކަމަކު ބޮސްއަކީ ޒިޔާދޯ. ޒިޔާދޯ ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ. " ނޫރާ އެހެން ބުނުމުން އަަންނަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުކުރަން ދަތިވީ ވަރުން އިތުރަށް ކުރާނެ ސުވާލެއް ވެސް ނޭނގުނެވެ.

( ނުނިމޭ )

(ނިމުނީ)